މެޗުގެ ދެވަނަ ހާފުގެ ފަހުކޮޅު ޓީސީގެ އިސްމާއީލް އީސާ (މެސީ) ކާމިޔާބުކޮށްދިން ގޯލުތަކާއެކު ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން ޓީސީ މޮޅުވެއްޖެ އެވެ.

ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޓީސީ ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އީސަ ގޯލު ޖަހާފައިވަނީ މެޗުގެ ފަހު ވިހި މިނެޓުގެ ތެރޭގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ޓީސީގެ ފުރަތަމަ ގޯލު ޖަހާފައިވަނީ ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައެވެ. މި ގޯލު އޭނާ ޖަހާފައިވަނީ ޓީސީގެ ކެޕްޓަން އަކްރަމް އަބްދުލް ޢަނީ ނަގައިދިން ހިލޭޖެހުމެއް ޕެނަލްޓީ އޭރިއާ ތެރެެއިން ކޮންޓްރޯލްކޮށްލުމަށް ފަހުގައެވެ. ޓީސީގެ ދެވަނަ ގޯލު ޖަހާފައިވަނީ މެޗުގެ އެންމެ ފަހު މިނެޓުގެ ތެރޭގައެވެ. ޓީސީގެ ލީޑުފުޅާކޮށްދިން ލަނޑު އީސަ ކާމިޔާބުކުރީ އިއްބެ ދިން ބޯޅައަކުންނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޓީސީގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނީ މެޗުން މޮޅުވެ ހިތްހަމަޖެހުން ލިބުނުކަމުގައި ވީ ނަމަވެސް ކުޅުންތެރިން ތިބީ ވަރުބަލިކޮށް ކަމަށެވެ. އަދި ކުރިޔަށްއޮތް ގްރީންސްޓްރީޓް މެޗަކީ އުނދަގޫ މެޗަކަށް ވެގެންދާނެ ކަމަށް އާތީ ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ ޖުމްލަކޮށް މެޗު ގޯސް ނޫން ކަމަށެވެ. އަދި ދޭއް ސުމެއްގެ ނަތީޖާއަކީ ބޮޑު ފަރަގެއް ނޫންކަމަށާއި މި ނަތީޖާގެ މާނައަކީ އިދިކޮޅު ޓީމުން ތަފާތު މޮޅު ފުޓްބޯޅައެއް ކުޅުން ނޫންކަމަށެވެ.

ދިރާގު ދިވެހި ޕްރިމިިއަރ ލީގުގައި މި ދެ ޓީމުންވެސް މިހާތަނަށް ތިން މެޗު ވަނީ ކުޅެފައެވެ. އެގޮތުން ޔޫވީ ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ އެއް މެޗުންނެވެ. އަނެއް ދެ މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. ޓީސީ ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. އަދި އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.