އަންހުންނަށް ޚާއްސަކޮށްގެން 1000 އަށްވުރެ ގިނަ ކޯޓު ބިނާކުރާން ޕާކިސްތާނުން ނިންމައިފިއެވެ.

ޕާކިސްތާނުގެ ކޮންމެ ޑިސްޓްރިކްޓެއްގައި 1،016 އައު ކޯޓު އަންހެނުންނަށް ޚާއްސަކޮށްގެން ބިނާކުރުމަށް އެ ގައުމުން ނިންމާފައިވާއިރު، މި ކޯޓުތަކުން ބެލުމަށް ހަމަޖެހިފައިވަނީ އަންހެނުންނަށް ކުރާ މިންތިއާއި ގުޅުންހުރި މައްސަލަތަކާއި އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ.

"މި ކޯޓުތައް ވެގެންދާނީ، އަންހެން ކަނބަލުންނަށް މިނިވަންކަމާއެކު ވާހަކަދެއްކޭ، އަދި އެމީހުންގެ ޚިޔާލު ފާޅުކުރެވޭ މާހައުލުތަކަކަށް،" ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު އާސިފް ސަޢީދު ޚޯސާ ވިދާޅުވިއެވެ.

އަންހެނުންނަށް ޚާއްސަކޮށްގެން ކޯޓުތަކެއް ބިނާކުރާން ޕާކިސްތާނުން ނިންމާފައި މިވަނީ، އަންހެނުންނާއި ދެކޮޅަށް ކުރާ އަނިޔާތައް އިތުރުވެ، ގިނަ މައްސަލަތަކަކަށް މީޑިއާގެ ސަމާލުކަން ލިބުމާއި ގުޅިގެންނެވެ.

އަންހެނުންނާއި އަންހެން ކުދީންނަށް ލިބޭ ޖިންސީ އަނިޔާއާއި، އިއްފަތް ފޭރިގަތުމާއި، އަނިޔާއާއި، ގަދަބާރުން ކައިވެނި ކުރުވުމުގެ މައްސަލަތައް ޕާކިސްތާނުގައި ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށް އިންސާނީ ހައްގުތައް ހިމާޔަތްކުރާން މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗްއިން ނެރުނު 2019 ވޯލްޑް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

2018 ވަނަ އަހަރު އެކަނިވެސް، އަންހެނުންނަށް ކުރާ ޖިންސީ އަނިޔާގެ 845 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ހާމަވެއެވެ.