ނެދަލެންޑްސްގައި އިމަޖެންސީ ހާލަތްތަކުގައި ފުލުހުންނާއި، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ އެހެނިހެން ފަރާތްތަކަށް ގުޅާން ބޭނުންކުރާ ނަމްބަރު ކަމަށްވާ 112 ގެ ޚިދުމަތް މިދިޔަ ހޯމަދުވަހު ވަނީ ކެނޑިފައެވެ. އިމަޖެންސީ ނަމްބަރުގެ ޚިދުމަތް ކެނޑުނީ މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ކޭޕީއެންއަށް ކުރިމަތިވި މައްސަލައަކާ ގުޅިގެންނެވެ.

ހައިރާން ކުރަނިވި ކަމަކަށްވީ، ކުއްލި ހާލަތްތަކުގައި ގުޅާނެ އެހެން ނަމްބަރެއް، އެލާމް ސިސްޓަމް މެސެޖެއްގެ ސިފައިގައި ހުރިހާ މޯބައިލް ފޯނަކަށް ފޮނުވާފައިވާކަމެއް ނޫނެވެ. އެ މެސެޖުގައި އޮތް މަޢުލޫމާތެވެ. އެ މެސެޖުގައި އިރުޝާދު ދީފައިއޮތީ، އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ގައުމުގެ ނޫހެއް ކަމަށްވާ ޓެލެގްރާފްގެ ވަޓްސްއެޕް ނަމްބަރަށް ގުޅުމަށެވެ.

ނަމަވެސް، ކުޑައިރުކޮޅެއްގެ ތެރޭގައި އެލާމް ސިސްޓަމް މެދުވެރިކޮށް އެހެން މެސެޖެއް ހުރިހާ މޯބައިލް ފޯނަކަށްވަނީ ފޮނުވައި، ކުރީން ފޮނުވިފައިވާ މެސެޖަކީ އޮޅުމެއްގެ ތެރެއިން ފޮނުވުމުގެ މެސެޖެއް ކަމަށް ބުނެފައެވެ. އަދި ނެދަލެންޑްސްގެ ޖަސްޓިސް އަދި ސޭފްޓީ މިނިސްޓަރު ފެރްޑް ގްރެޕަރްހައުސްވަނީ ޓެލްފގްރާފް ނޫހަށް ގުޅައި މިކަމަށް މައާފަށް އެދިފައެވެ.

ދެވަނައަށް ފޮނުވި މެސެޖުގައި އޮތީ، ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ، އެންމެ ކައިރީގައިވާ ފުލުސް އޮފީހަކަށް، ނުވަތަ ފަޔަރ ސްޓޭޝަނަށް، ނުވަތަ ހޮސްޕިޓަލަކަށް ދިއުމަށް އިރުޝާދީފައެވެ.

މި ހާދިސާއާއި ގުޅިގެން ކޭޕީއެން އިންވެސް ވަނީ މައާފަށް އެދިފައެވެ. ނަމަވެސް، މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހޯދިފައެއް ނުވެއެވެ.