ކުރީގެ ނާއިބުރައީސް އަހްމަދު އަދީބުގެ ބޭސްފަރުވާއަށް ކަރެކްޝަނުން ދީފައިވާ މުއްދަތު އިތުރުކޮށްދީފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އަދީބުގެ ބޭސްފަރުވާއަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނީ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އާއިލާއިން އެދުމުން ކަމަށެވެ.
ކަރެކްޝަނުން ބުނީ އަދީބުގެ އާއިލާއިން އެކަމަށް އެދުނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށް ދީފައިވާ މުއްދަތުގައި ބޭސްފަރުވާ ފުރިހަމަކުރެވިފައިނުވާތީ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ކެންސަރުގެ ޓެސްޓެއް ހެދުމަށް ޑޮކްޓަރު ދެއްވާފައިވާ ލަފައާއި އެއްގޮތަށް އެކަން ކުރެވިފައިނުވާތީ ކަމަށެވެ.
އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް ބާތިލްކުރުމާ އެކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ޑޮކްޓަރުން ލަފާދީފައިވާ ގޮތަށް އަދީބަށް ރާއްޖެއިން ބޭރުން ބޭނުންވާ ސިއްހީ ފަރުވާ ހޯދުމަށް ހުއްދަ ދީފައެވެ. މިހުއްދަ ދިނުމާ އެކު މިމަހުގެ 14 ވަނަ ދުވަހު އަދީބު ވަނީ ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގެންފައެވެ.
އަދީބު ރާއްޖެއިން ބޭރުގައި އިތުރަށް ބަހައްޓަން ޑޮކްޓަރުން ލަފާ ނުދެއްވާނަމަ މިމަހުގެ 26 ވަނަ ދުވަހު އަދީބު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ހޯމް މިނިސްޓްރީއާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކުރިން ވަނީ ބުނެފައެވެ.
ބޭސްފަރުވާއަށް އަދީބަށް މުއްދަތު އިތުރުކޮށްދީފައިވަނީ ޖުލައި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ކަރެކްޝަނުން ބުނެއެވެ.