ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިލަންދޫ ސްޕޯޓްސް ކްލަބު ކޮޅަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން 13 ގޯލް ޖަހައިފިއެވެ.

މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ނިމުނީ 13-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ނިލަންދޫގެ މައްޗަށް މާޒިޔާ ކުރިހޯދައިގެންނެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ދިވެހި ޕްރިމިއާ ލީގަށް ރީބްރޭންޑްކުރި ފަހުން ފެނިގެން ދިޔަ އެންމެ ތަފާތު ބޮޑު އެއް ނަތީޖާއެވެ.

މުޅި މެޗުގައިވެސް ނިލަންދޫގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މާޒިޔާގެ މިޑްފީލްޑަރު އިބްރާހީމް ވަހީދު ހަސަން (އިއްބެ) 5 ގޯލް ޖެހިއިރު، އެޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ވަނީ ހެޓްރިކް ހަދާފައެވެ. މީގެ އިތުރުން މާޒިޔާގެ ފޯވާޑް ނާއިޒު ހަސަން (ދާދު) 2 ގޯލް ޖެހިއިރު، އެޓީމުގެ އެހެން ގޯލުތައް ޖަހައިދިނީ ޑިފެންޑަރުން ކަމަށްވާ މޫސާ ޔާމީން (ޔާމްބެ) އާއި ސަމޫހު އަލީ (ސަމުއްޓެ) ގެ އިތުރުން ހަސަން ޝިފާޒް (ޑުންގާ) އެވެ.

މެޗަށްފަހު މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނީ މާޒިޔާ ކުޅުންތެރިންނަށް މަރުހަބާ ކިޔާ ކަމަށާއި، މިރޭ އެ ކުޅުންތެރިން މެޗުގައި ދެއްކި ޕްރޮފެޝަނަލިޒަމާއި މެދު އުފާކުރާ ކަމަށެވެ. އަދި ނިލަންދޫ، މިވަގުތު މާޒިޔާ ލެވެލްގައި ނެތަސް އެ ޓީމާ ދެކޮޅަށް ކުޅޭ މެޗު ވެސް މުހިއްމު ކަމަށް ބުންޏެވެ.

ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ މިވަރުގެ ނަތީޖާއެއް ފެނިދާނެ ކަމަށް ހީނުކުރާ ކަމަށެވެ. އެކަމަކު މައްސަލައަކަށް ދިމާވީ މެޗުގެ ކުރީކޮޅު ޓެކްޓިކަލް ޑިސިޕްލިން ނުހިފެހެއްޓި ގޯލްތަކެއް ވަނުމުން ކަމަށްވެސް ބުންޏެވެ.

މި މޮޅާއެކު މާޒިޔާ އޮތީ ދެ މެޗުން 6 ޕޮއިންޓު ހޯދައި ތާވަލުގެ ތިންވަނައިގައެވެ. އެއްވަނައިގައި އޮތީ ތިން މެޗުން 9 ޕޮއިންޓު ހޯދާފައިވާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. ދެވަނައިގައި އޮތީ ތިން މެޗުން 7 ޕޮއިންޓު ހޯދާފައިވާ ޓީސީ ސްޕޯޓްސް ކްލަބެވެ. އަދި މިރޭގެ މެޗުން ބަލިވި ނިލަންދޫ އޮތީ ދެ މެޗުންވެސް ބަލިވެ ތާވަލުގެ ފުލުގައެވެ.