އަހަރެންގެ ހިތުގައި އަބަދުވެސް އޮވެއެވެ. އިންނާނީ އެންމެ މީހަކާއެވެ. އެ މީހާއާއެކު މުޅި ހަޔާތް ހޭދަކުރާނީއެވެ. ނަމަވެސް ނަސީބު އަހަރެންގެ އަތުގައި ހިފީ ދުވަސްކޮޅަކުއެވެ. އަހަރެންގެ ހަޔާތަށް ބަދަލު އަންނަން ފެށީއެވެ. ކައިވެނީގެ ގޮށް ދޫވާން އުޅޭހެން ހީވީއެވެ. ލޯބީގައި ހިތި ރަހަ ވެސް ލާކަން އިހުސާސް ކުރެވެން ފެށީއެވެ.

އެންމެ ފުރަތަމަ އަހަރެންނަށް ކުރެވުނީ ޝައްކެކެވެ. ދުވަސްތަކެއް ފަހުން އެ ޝައްކު ޔަގީންވިއެވެ. އަހަރެންގެ ލޮލަށް ފިރިމީހާގެ އުޅުން ފެންނަން ފެށީއެވެ. ފިރިމީހާ އެހެން މީހަކާ ގުޅުން އޮންނަން ކަން ޔަގީން ކުރެވުނީއެވެ. އެ ދުވަހު ހިތަށް ވަރަށް ތަދުވިއެވެ. ވަރަށް އަސަރުކުރިއެވެ. ވަރަށް ރުއީމެވެ. ވަރަށް ގިސްލީމެވެ. އެފަދަ ކަމެއް ދެން ނުކުރުމަށް އެތައް ވާހަކައެއް ދެއްކީމެވެ. ފިރިމީހާއަށް ކުރެވުނީ ކުށެއްކަން އެ ދުވަހު ފިރިމީހާ އެއްބަސްވިއެވެ. އަހަރެންގެ ގާތުން އެކަމަށް މަޢާފަށް ވެސް އެދުނެވެ. އޭނާގެ ފޯނުން އަހަރެންނަށް މެސެޖު ވެސް ފޮނުވިއެވެ.

ފިރިމީހާގެ އެ ކުށަށް އަހަރެން މަޢާފުކުރީމެވެ. އެފަދަ ކަމެއް ދެން ތަކުރާރު ނުކުރުމަށް އަހަރެން ބުނީމެވެ. ހަޔާތުގެ ބޮޑުބައެއް އެކުގައި އުޅެފައި ދެން ވަކިވާން ބޭނުން ނުވާކަން އަހަރެން ހާމަކުރީމެވެ. އެ ހުރިހާ ވާހަކައެއް އަހަރެން ދެއްކި އިރުވެސް ހިތުގައިވާ ޝައްކު ފުހެވިގެނެއް ނުދިޔައެވެ. ހިތުގައި އެ ލީ ލޯބީގެ ލަކުނު ފަސޭހައިން ފިލައިގެން ނުދާނެކަން އަހަރެންނަށް ގަބޫލުކުރެވުނެވެ.

އަހަރެންނަށް ފާރަލެވެން ފެށުނެވެ. ފިރިމީހާ އުޅޭގޮތް ދޭތެރެ ދޭތެރެއިން ބެލެން ފެށުނެވެ. އެކުވެރިން ގާތު ފިރިމީހާ އުޅޭ ގޮތުގެ ވާހަކަ އެހެން ފެށުނެވެ. އެކަމާ ފިރިމީހާގެ ހިތްހަމައެއް ނުޖެހެއެވެ. ޝަކުވާ ވެސް ކުރެއެވެ. އެ ވާހަކަ ވެސް ދައްކައެވެ.

"ނިޝާ އަދިވެސް އަހަރެންނަކަށް އިތުބާރެއް ނުކުރަން ދޯ؟ ތިގޮތަށް އެކުވެރިން ގާތު އަހަރެން އުޅޭގޮތް އަބަދު އަހާތީ ހީވަނީ އަހަރެންނަކީ ވަރަށް ގޯސް މީހެއް ހެން. އަހަރެންނަށް މަޢާފު ކުރިނަމަ ތިގޮތަކަށް ނިޝާއެއް ނޫޅޭނެ" ފިރިމީހާ ޝަކުވާ ކުރިއެވެ. އެ ޝަކުވާގައި ވަނީ ފޫހިކަމެވެ. ނަމަވެސް އެއީ ތެދެވެ. ކަން އޮތްގޮތެވެ. އެގޮތަށް ކަންތައް ކުރިޔަސް މައްސަލައެއް ނެތޭ ބުނީ ހަމަ ފިރިމީހާއެވެ. އޭނާގެ އުޅުން ކަސިޔާރުވިޔަ ނުދިނުމަށް އެކަން އެގޮތަށް ކުރުމަށް ލަފާ ދިނީ ވެސް ހަމަ ފިރިމީހާއެވެ. މިއަދު ވާހަކަ ބަދަލުވީއެވެ.

"އަހަރެން މިގޮތަށް ކަންތައް ކުރަނީ ހަމީދު މިގޮތަށް ކަންތައް ކުރުމަށް އެދުމުން. މިއަދު މިކަމާ ހެދި ތި އުނދަގޫވަނީ؟ ކޮބާތަ މައްސަލައަކީ؟" އަހަރެން ސުވާލުކުރީމެވެ.

"މައްސަލައަކީ އެހެން މީހުން ދިމާކުރުން. ނިޝާއޭ ކިޔައިގެން އެހެން މީހުން ދައްކާ ވާހަކަތައް. އަހަރެން ދަށުކޮށްލައިގެން އުޅެނިއްޔޭ ކިޔައިގެން ފަތުރާ އަޑުތައް" ފިރިމީހާގެ ދުލުން ބޭރުވީ އަހަރެން ކުރިން ވެސް އަޑުއެހި ވާހަކަތަކެކެވެ. އެކަމަކު ފިރިމީހާ އުޅޭގޮތް ބެލުމަކީ އޭނާ ދަށުކޮށްލުން ހެއްޔެވެ؟ އޭނާގެ ހައްގަކަށް އަރައިގަތުން ހެއްޔެވެ؟ އޭނާއަށް ޖެއްސުންކުރުން ހެއްޔެވެ؟

"ތި ބުނާ ވާހަކަތަކީ ތެދުކަމަށް ހަމީދަށް ގަބޫލުކުރެވޭތަ؟" އަހަރެން ސުވާލުކުރީމެވެ. ފިރިމީހާގެ ވާހަކަތައް ހުއްޓުނެވެ. އޭނާއަށް ހުރެވުނީ އަހަރެންނާ ދިމާއަށް ބަލަހައްޓައިގެންނެވެ.

"ނޫން. ގަބޫލެއް ނުކުރެވޭ. އެކަމަކު މީސްމީހުން އެވާހަކަ ދައްކާތީ ވަރަށް އުނދަގޫވޭ. އެހެން އެ ވަނީ ނިޝާ އަބަދުވެސް އަަހަރެން އުޅޭގޮތް ބެލުމަށް މީސްމީހުންނާ ސުވާލުކުރާތީ. ހަގީގަތް ނޫން ވާހަކަތަކެއް ނިޝާއޭ ކިޔައިގެން ފެތުރޭކަށް އަހަރެން ބޭނުމެއް ނޫން" ފިރިމީހާގެ ވާހަކަތަކުގައި ވަނީ އަހަރެން ދިފާޢުކުރުމެވެ.

"މީސްމީހުން ކޮންމެ ވާހަކަދެއްކި ޔަސް އަހަރެންނަށް މައްސަލައެއް ނެތް. ހަމީދު އަހަރެެންނާމެދު ދެކޭ ގޮތް ބަދަލު ނުވަންޏާ އެވީ" އަހަރެން ބުނީމެވެ.

"ބަލަ ދެކޭގޮތް ބަދަލުވަނީ މީސްމީހުން ދައްކާ ވާހަކަތަކުންނެއްނު. އެ ކަން ނިޝާއަކަށް ގަބޫލެއް ނުކުރެވޭތަ؟" އަހަރެން ދެއްކި ވާހަކަތަކުން އަނެއްކާ ވެސް ފިރިމީހާ ސުވާލުކުރިއެވެ.

"މާނައަކީ؟" އަހަރެން ކުރީ ކުރު ސުވާލެކެވެ.

"ފާޑުފާޑުގެ ވާހަކަތައް އަޑު އިވުމަކީ އަހަރެން ފޫހިވާ ކަމެއް. ހިތްހަމަ ނުޖެހޭ ކަމެއް" އަހަރެންކުރި ސުވާލަށް ފިރިމީހާ ޖަވާބުދިނީ ނުސީދާ ގޮތަކަށެވެ. އޭނާގެ ރާގު ބަދަލު ވެއްޖެކަން އަހަރެންނަށް އިހުސާސް ކުރެވުނެވެ. އޭނާ ހިތްހަމަ ނުޖެހޭކަން ގަބޫލުކުރެވުނެވެ. އިތުރު ވާހަކަތަކެއް އަހަރެން ނުދައްކަމެވެ. އޭނާގެ މިޒާޖު އެނގޭތީއެވެ. ކަންކަމާމެދު ހިތްހަމަ ނުޖެހިއްޖެނަމަ ވާހަކަ ހުންނާނީ އެހެންނެވެ. އެ ވާހަކައެއް ދައްކަނީ ތަންކޮޅެއް ދުރުންނެވެ.

ދެން އަހަރެން ވިސްނީ އެހެން ގޮތެވެ. ފިރިމީހާ އުޅޭގޮތް މީސްމީހުންގެ ގާތަކު އެހުމުގެ ބަދަލުގައި ސީދާ ފިރިމީހާއާ އެ ސުވާލުކުރާށެވެ. ދެން އަހަރެން އަހަން ފެށީ ފިރިމީހާ ގާތުގައެވެ. ކޮންމެ ދުވަހަކު އެ ސުވާލު ކުރަމެވެ. އެ ސުވާލުގެ ޖަވާބު ފިރިމީހާ ލައްވާ ބުނުވަމެވެ. އެނާގެ ދުލުން އެހެން މީހަކު ގެންގުޅެއް ޚިޔާލުނުކުރާކަން ތަކުރާރު ކުރުވަމެވެ. އެ އަޑު އެހުމަކީ އަހަރެންނަށް ލިބޭ އުފަލެއްކަމުގައި އަހަރެން ބުނަމެވެ. ބައެއް ފަހަރު އަހަރެން ނުބުނަނީސް ފިރިމީހާ އަމިއްލައަށް ވެސް އެހެން ބުނެހަދައެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ތިން މަސް ހޭދެވިއެވެ. ފިރިމީހާގެ ރާގު އަނެއްކާ ވެސް ބަދަލުވާކަމުގެ އިހުސާސް އަހަރެންނަށް ކުރެވުނެވެ. އެއް ޖުމުލައެއް ތަކުރާރުކޮށް ބުނާން ޖެހޭތީ ފޫހިވީކަންނޭނގެއެވެ. ނޫނެކެވެ. ފޫއްސެއް ނުވާނެއެވެ. ގައިމު ވެސް އަހަރެން ފޫއްސެއް ނުވެއެވެ.

ފިރިމީހާ އޮފީހުން އައުމާއެކު އަހަރެންގެ އާއްމު ސުވާލު އަހަރެން ކުރީމެވެ. ފިރިމީހާ އަޅައެއް ނުލިއެވެ. ޖަވާބެއް ނުދިނެވެ.

"ދެން ތިކަން ވެއްޖެނު ހުއްޓާލަން" ހިތްހަމަ ނުޖެހުމާއެކު ފިރިމީހާ ހަޅޭއްލަވައި ގަތެވެ. އޭނާ ހިތްހަމަ ނުޖެހުނުކަން ދެއްކީ ޢަމަލުންނެވެ. އަހަރެން އަޅައެއް ނުލަމެވެ. އެ ސުވާލެއް އެދުވަހަކު ދެނެއް ނުކުރަމެވެ.

ޖެހިގެން އައި ދުވަހު ފިރިމީހާ ގެއަށް ހަމަ ވަނުމާއެކު އަހަރެންގެ ސުވާލު އަހަރެން ތަކުރާރުކޮށްލީމެވެ. ވަރަށް މަޑުމަޑުންނެވެ. ކުޑަކޮށް ޖެހިލުންވެފައި ހުރެއެވެ. ފިރިމީހާ ލަވައިގަތީ ހަޅޭކެވެ.

"ނިޝާ ނުޖެހޭ ކޮންމެ ދުވަހަކު ތި ސުވާލުކުރާކަށް. ފަހަތުން ފާރަލާ ބަލާކަށް ވެސް ނުޖެހޭ. ތި ސުވާލު ކުރާކަށް ވެސް ނުޖެހޭ. މަ ކޮންމެ މީހަކާ އެކު އުޅުނަސް ކީއް؟ ނިޝާ ބުނާހާ ގޮތެއް ހަދައިގެން އަހަރެންނަށް އުޅެވިއްޖެ. އަހަރެންނަށް ކެތްކުރެވިއްޖެ. ދެން ކެތެއް ނުވާނެ. އަހަރެންނަށް އިތުބާރު ނުކުރަންޏާ ދާންވީ. ހަމަ ދާންވީ. ވަކިވާންވީ؟" ފިރިމީހާގެ އަޑު ގަދަވާން ފެށިއެވެ. އަހަރެން އިތުރު ބަހެއް ނުބުނަމެވެ. އިތުރު ވާހަކައެއް ނުދައްކަމެވެ.

"މިގޮތަށް ބުނާހާ ގޮތެއް ހަދައިގެން އުޅޭނީ ކާކު؟ ބުނާހާ ޖުމުލައެއް ތަކުރާރުކޮށް ބުނާނީ ކާކު؟ އަޅެ ބުނެބަލަ؟ މިއީ ދަށުވުމެއް ނޫންތަ؟ އިތުބާރު ނުކުރުމެއް ނޫންތަ؟ ލޯބިވާނަމަ ދައްކާނީ ވަކި ނުވާނެ ވާހަކައެއް ނޫން. އެއީ އިތުބާރު ނުކުރާތީ ދައްކާ ވާހަކަ. ލޯބިވާނަމަ ބުނާނީ ލޯބިވާ ވާހަކަ. އެކުގައި އުޅޭނެ ވާހަކަ" ފިރިމީހާގެ އަޑުގައި ވަނީ އިތުރު ރިހުމެކެވެ. ހިތްހަމަ ނުޖެހުމާއި ނުތަނަވަސްކަމެވެ. އެތައް ވާހަކައެއް ދެއްކުމަށް ފިރިމީހާ ނުކުތީ ބޭރަށެވެ. އެ ވާހަކަތަކާމެދު އަހަރެން ވިސްނަން ފެށީމެވެ. ފިރިމީހާއާމެދު ކަންތައް ކުރެވުނު ގޮތާމެދު ޚިޔާލުކުރަންފެށީމެވެ.

ތެދެކެވެ. ފިރިމީހާއަށް އިތުބާރު ނުކުރެވެއެވެ. އިތުބާރު ކުރެވުނުނަމަ އެ ސުވާލުތައް ކުރާކަށް ނުޖެހުނީހެވެ. އެކުވެރީންގެ ގާތުގައި އެ ސުވާލުތަކެއް ނުކުރީހެވެ. ފިރިމީހާގެ ގާތުގައި އެހެން މީހަކާ ލޯބީގެ ގުޅުމެއް ބާއްވަމުތޯ ސުވާލެއް ނުކުރީހެވެ. ހުރިހާ ވެސް މައްސަލައަކީ ފިރިމީހާއަށް ކުރެވުނު ކުށެވެ. އެ ކުށުގެ ސަބަބުން އަހަރެންގެ ހިތުގައި އޮތް އިތުބާރު ގެއްލުމެވެ. އެ އިތުބާރު އަލުން އިއާދަ ނުވުމެވެ.

"ކުށް ކުރެވެނީ އިންސާނުންނަށް. އެ ކުށަށް މަޢާފު އެދުމުން ނިޝާ މަޢާފު ކުރީމު. ނަމަވެސް ދެންވެސް ބެލީ އަހަރެންނަކީ ކުށްވެރިއެއްގެ ގޮތުގައި. އަހަރެން އުޅެންޖެހުނީ ކުށުން ސަލާމަތް ނުވެވިގެން. މި ފާއިތުވެ ދިޔަ ހަމަސް ދުވަހު އަހަރެން މި އުޅުނީ ކުށްވެރިއެއް ފަދައިން. މިނިވަންކަމާއެކު އުޅެވުމުގެ އިހުސާސެއް ނުކުރެވޭ. ގެއަށް އައިސް ހަމަ ވަންނައިރަށް ވަކި ޖަވާބެއް ދޭން އެބަ މަޖުބޫރުވޭ. އެކަމަކު އަހަރެން ކެތްކުރީން. އަހަރެންވެސް ބޭނުމެއް ނޫން ނިޝާ ނޫން މީހަކު. ނަމަވެސް ނިޝާއަކަށް އެކަން ގަބޫލެއް ނުކުރެވުނު. އަހަރެންނަކަށް އިތުބާރެއް ނުކުރެވުނު. އެއީ ނިޝާގެ މައްސަލައަކީ" އެނދުމަތީ އޮވެ އެތައް ވާހަކައެއް ދެއްކުމަށްފަހު ފިރިމީހާ ބުނެދިނީ އަހަރެންގެ މައްސަލައެވެ. ވިސްނާލުމުން އެއީ ތެދުކަން އަަހަރެންނަށް ގަބޫލުކުރެވުނެވެ. އަހަރެންނަށް ކަންތައްތައް ކުރެވުނީ އެންމެ ރަނގަޅަކަށް ނޫނެވެ. އެހެން ނޫންނަމަ ފިރިމީހާ ހިތްހަމަ ނުޖެހޭކަށް ނުޖެހުނީހެވެ.

"އަހަރެންނަށް މަޢާފުކުރޭ. އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. އަހަރެން ހަމީދުދެކެ ވަރަށް ލޯބިވޭ" ހިތަށް ކުރި އަސަރާއެކު އަހަރެން ބުނުވުނެވެ. އަދި ހަމީދުގައި އޮޅުލައި ގަނެވުނެވެ. އެހިނދު އަހަރެންގެ ލޮލުން ފޭބި ކަރުނަތި އަހަރެންގެ ކޯތާފަތް މައްޗަށް ވެއްޓުނެވެ. ހަމީދުގެ ލޮލުން ފޭބި ކަރުނަތިކީގެ ހޫނުކަން އަހަރެންގެ މޫނަށް އިހުސާސް ކުރެވުނެވެ.

(ނިމުނީ)