ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިބްރާހީމް ރަޝީދު މަގާމުން ވަކިކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.

ގާނޫނު އަސާސީގައި ބުނެފައިވަނީ ފަނޑިޔާރަކު ވަކި ކުރެވޭނީ މަޖިލިހުގެ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިން ބައިކުޅަ ދެބައި މެމްބަރުންގެ ވޯޓު ލިބިގެން ކަމަށެވެ.

މެޖިސްޓްރޭޓް ވަކިކުރުމުގެ މައްސަލަ ދިރާސާކުރި ޖުޑީޝަރީ ކޮމެޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކޮމިޓީގެ ރިޕޯޓް ހުށަހަޅުއްވަމުން ވިދާޅުވީ މެޖިސްޓްރޭޓް ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ ގާނޫނު އަސާސީ އާއި ޖޭއެސްސީގެ ގާނޫނާއި އެފަދަ މައްސަލަތައް ބެލުމަށް ކަނޑައަޅާފައިވާ އިޖުރާއަތްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

2013 ވަނަ އަހަރު އިބްރާހިމް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅިިއިރު އޭނާ ސަސްޕެންޑްކޮށްފައިވަނީ އެ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އޭގެ ހަ އަހަރު ފަހުން އޭނާގެ މައްސަލަ ބަލައި މަގާމުން ވަކި ކުރަން ޖޭއެސްސީއިން މަޖިލީހަށް ފޮނުވީ މިދިޔަ ހޯމަ ދުވަހު އެވެ. އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިބްރާހިމް ރަޝީދުގެ މައްސަލައިގައި ޖޭއެސްސީގެ ރިޕޯޓު އިއްވާފަ އެވެ. އެ މައްސަލައިގައި ބުނެފައިވަނީ އެ މައްސަލައަކީ ގާޒީ އިބްރާހިމް އާންމު ތަނެއްގައި އަންހެނަކާ ޒުވާބުކޮށް ހަޑި ހުތުރުބަހުން ވާހަކަ ދެއްކުމުން މުހައްމަދު ލަތީފު ނަމަކަށް ކިޔާ އާންމު މީހަކު ހުށަހެޅި މައްސަލައެއް ކަމަށެވެ.

ރިޕޯޓުގައި ވަނީ ފަނޑިޔާރުންގެ ސުލޫކު ހުންނަންވާ ގޮތް ފާހަގަކޮށްފަ އެވެ. އެގޮތުން ފަނޑިޔާރުންގެ އަހުލާގީ މިންގަނޑު ހުންނަވާނެ ގޮތް ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވެ އެވެ. އަދި، އާންމު ތަނެއްގައި އަންހެނަކާ ޒުވާބުކޮށް ހަޑިހުތުރު ބަހުން ވާހަަކަ ދެއްކުމަކީ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމުގައި ބެލެވިދާނެ ކަމަށްވެސް ރިޕޯޓުގައިވެ އެވެ.

މިއީ ސުލޫކީ މައްސަލައަކާ ގުޅިގެން ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ފުރަތަމަ ފަހަރެވެ.