މޯލްޑިވްސް ތައިލެންޑް ބިޒްނަސް މެޗިން ފޯރަމްގެ ހަތަރުވަނަ ފޯރަމް މިއަދު ފަށައިފި އެވެ.

ދަރުބާރުގޭގެ ފާށަނާ މާލަމުގައި އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފޯރަމްގެ ސްޓޯލްތައް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިއަދު ވަނީ ބައްލަވާލައްވާފަ އެވެ.

ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ފޯރަމުގެ ފުރަތަމަ ދަންފަޅި ހެނދުނު 10:30 އިން މެންދުރު 12:00 އަށް ކުރިއަށް ދިޔައިރު ދެވަނަ ދަންފަޅި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށެވެ.

މިފޯރަމްގައި ތައިލެންޑުގެ މޭވާއާއި ތަރުކާރީގެ ވިޔަފާރިކުރާ ފަރާތްތަކާއި، ހޮޓެލް ސަޕްލައިސްއާއި، ތެލާއި ހަނޑުލުގެ އިތުރުން ގޭގައި ގެންގުޅޭ ސާމާނާއި، ފަރުނީޗަރުގެ ވިޔަފާރިކުރާ ފަރާތްތަކާއި، ރީތިވާ ސާމާނުގެ ވިޔަފާރިކުރާ ފަރާތްތަށްވެސް ވަނީ ބައިވެރިވެފަ އެވެ.

މިފަހަރުގެ ފޯރަމްގައި ތައިލޭންޑުން ރާއްޖެއަށް އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރާ ވިޔާފާރިވެރިންގެ ތެރެއިން 27 ވިޔަފާރިވެރިޔަކު ބައިވެރިވެފައިވާ ކަމަށް އިކޮނޮމިކް މިސްޓްރީން މައުލޫމާތުދެ އެވެ.

މި ފޯރަމްގައި ބައިވެރިވެ ތައިލޭންޑުގެ ވިޔަފާރިވެރިންނާ ގުޅުންބަދަހިކޮށް، ވިޔަފާރިއާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމަށް އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ދައުވަތު އަރުވާފައިވާ ކަމަށްވެސް އެމިނިސްޓްރީން މައުލޫމާތުދެ އެވެ. އަދި ފޯރަމްގެ ފުރަތަމަ ދަންފަޅީގައި ރާއްޖޭގެ ގިނަ ވިޔަފާރިވެރިންތަކެއް ބައިވެރިވެ މައުލޫމާތު ހޯދާފައިވާ ކަންވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

މޯލްޑިވްސް ތައިލެންޑް ބިޒްނަސް މެޗިން ފޯރަމްގެ ކުރީގެ ފޯރަމްތައް ބާއްވާފައިވަނީ ހަމައެކަނި ވިޔަފާރިވެރިންނަށް ބައިވެރިވެވޭ ގޮތަށް ކަމަށްވީ ނަމަވެސް މިފަހަރުގެ ފޯރަމް ކުރިއަށް ގެންދަނީ އާންމުންނަށްވެސް ބައިވެރިވެވޭ ގޮތަށެވެ. އެހެންކަމުން އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކަށް ވެސް ތައިލޭންޑުގެ ވިޔަފާއިވެރިންނާއި ގުޅުންބަދަހިކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް އިކޮނިމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މޯލްޑިވްސް ތައިލެންޑް ބިޒްނަސް މެޗިން ފޯރަމްގެ ޒަރިއްޔާއިން ރާއްޖެއާއި ތައިލެންޑުގެ ވިޔަފާރިވެރިން ގުޅުވާލަދީ، ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ފަހިކޮށްދެވޭނެ ކަމަށެވެ. މި ފޯރަމްގެ ޒަރިއްޔާއިން ރާއްޖޭގެ މާކެޓްގައި ތައިލޭންޑްގެ ވިޔަފާރިވެރިން ވިއްކާ ތަކެއްޗާއި ބެހޭގޮތުން އިތުރަށް މައުލޫމާތު ދިނުމަށް ފުރުސަތު ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މި ފޯރަމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ވިޔަފާރިވެރިންނަކީ ތައިލެންޑްގެ ވިޔަފާރިތަކަށް ފަރިތަ ބަޔަކަށް ހެދުން ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ. އަދި ތަފާތުއެކި ބާވަތްތަކުގެ މުދާ ތައިލެންޑުން ރާއްޖެއަށް އެތެރެކުރަމުންދާއިރު، މިފަދަ ފޯރަމެއްގައި މުދާ އެތެރެކުރާ ފަރާތްތަކުން ބައިވެރިވުމުގެ މުހިއްމުކަން ބޮޑު ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

މީގެ ކުރިން 3 ފަހަރެއްގެ މަތިން ވަނީ މި ފޯރަމް ބާއްވަފަ އެވެ. އަދި މިސިލްސިލާގެ ފޯރަމްތައް ވަރަށް ކާމިޔާބުކޮށް ކުރިއަށް ގެންދެވިފައިވާ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.