ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދަށަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުކުރުމަކީ ޝަރުއީ ނިޒާމު ސިޔާސީ ކުރުމަށް ކުރާ އެންމެ ފަހު މަސައްކަތް ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލުކުރުމަށް ޖޭއެސްސީގެ ގާނޫނަށް އެމްޑީޕީގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އިސްލާހު ހުށަހަޅުއްވާފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގަ އެވެ.

މޫސާ ސިރާޖު ހުށަހެޅުއްވި ބިލް މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ތައާރަފްކޮށް ބިލްގެ ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ.

މިއިސްލާހަށް ފާޑު ވިދާޅުވަމުން ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލުކޮށް އެތަނަށް ސިޔާސީ ބޭފުޅުން އައްޔަންކުރުމަކީ ޝަރުއީ ނިޒާމު ސިޔާސީ ކުރުމަށް ކުރާ އެންމެ ފަހު މަސައްކަތް ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލުކުރުމަކީ ޑީޖޭއޭގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލި ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ކުރިމަތިވާ ގޮންޖެހުމަކަށް ވާނެ ކަމަށެވެ.