ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަންކަމުގެ ތަހުގީގުތައް އަވަސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު ކުއްލި މައްސަލައެއް ހުށަހެޅުއްވީ މިސަރުކާރުން ކުރާ ކަންކަން ފޮރުވާ އެމްޑީޕީގެ މެމްބަރުން ހިތްހަމަޖައްސައިދިނުމަށް ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެއްޖެ އެވެ.

ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން އިދިކޮޅު މެމްބަރުން ވަނީ މި މައްސަލައަކީ ސަރުކާރުން ވެފައިވާ ވައުދުތަކާއި ސިޔާސީ މަޝްރަހުގައި ހިނގާ ކަންކަން އޮއްބާލުމަށް ހުށަހަޅައިގެން އުޅޭ މައްސަލައެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ އިންސާފު، ނަޒާހަތްތެރިކަން، އަދުލުއިންސާފު ފަދަ ބަސްތަކަކީ ވަކި އޮޑިއެއްގައި ތިއްބެވި ބޭފުޅުންގެ އަމިއްލަ ބަސްތަކެއް ކަމަށް ހީވެގެން އުޅުއްވާ ކަމުގަ އެވެ. މި ވެރިކަން ނެތް ދުވަސްވަރާއި ވެރިކަން ލިބުމުންވެސް މި ބަސްތަކުން ނެއްޓެން ނޭނގިގެން އެމްޑީޕީގެ މެންބަރުން އުޅޭކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ. އަދި އިންސާފުވެރިކަމަކީ ވަކި މީހަކު ޖަލަށް ލީމާ ވާކަމެއްކަމަށް ބައެއް ފަރާތްތަކަށް ހީވާ ކަމަށްވެސް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ވީ ވައުދު ނުފެއްދި ދިޔުމަކީވެސް އެއީ ރައްޔިތުން އިންސާފުން އެއްކިބާކުރުން. އަޅުގަނޑުމެން މިދައްކަނީ މިއަދު ދިވެހި ތާރީޚުގައި ހިނގި އެންމެ ބޮޑު ޖާރީމާ 1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ދިވެހިރާއްޖޭގައި ބަޣާވާތްކޮށްގެން ހުކުމެއް ތަންފީޒުކުރަމުންދިޔަ މީހަކު މީގެ ކުރީގެ ސަރުކާރެއްގައި، ރައީސް ނަޝީދުގެ ސަރުކާރުގައި ރާއްޖެއިން ބޭރަށް ފޮނުވާލައި އަދި މިއަދާ ހިސާބަށްވެސް އެމީހަކު އަތުނުވެގެން އުޅޭވާހަކަ މިދައްކަނީ. ކޮލަމްބޯގައި ހުރި އެމްބަސީއެއްގައި ހަތް ހަފްތާވީއިރު އޭނާ ވީ ގޮތެއް ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންނަށް ހާމަކޮށްދީފައެއް ނުވޭ. މިއީ އަޅުގަނޑުމެންނަށް ލިބެންޖެހޭ އިންސާފު. ކިތައް ދިވެހި ރައްޔިތުންތޯ މި ދެންނެވި ބަޣާވާތުގައި ދުނިޔެ ދޫކޮށްދިޔައީ،" ޝިޔާމް ވިދާޅުވި އެވެ.