މެލޭޝިއާގައި ކުރިޔަށްދާ އިންޓަނޭޝަނަލް ޓީ20 ޓްރައި ސީރީސް ކްރިކެޓް މުބާރާތުގެ ދެވަނަ މެޗުގައި ތައިލޭންޑް ބަލިކޮށް ރާއްޖޭގެ ކްރިކެޓް ތާރީހުގައި އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގެ ރޭންކިން މެޗަކުން ފުރަތަމަ ފަހަރަށް މޮޅުވުމުގެ ޝަރަފު ހޯދައިފިއެވެ.

ތައިލޭންޑަކީ ރާއްޖެއަށްވުރެ ރޭންކިން މަތީގައިވާ ގައުމެކެވެ. އެ ގައުމުގެ ރޭންކަކީ 57 އެވެ. އަދި ރާއްޖޭގެ ރޭންކިންއަކީ 74 އެވެ. މި ކާމިޔާބީއާއެކު ރާއްޖެއަށް ރޭންކިންގައި ރަނގަޅު ވަނައެއް ލިބިގެންދާނެ އެވެ.

މި މެޗު ރާއްޖެއިން ކާމިޔާބުކުރީ ދެ ވިކެޓުންނެވެ. މެޗުގައި ޓޮސް ދިމާވުމުން ތައިލޭންޑް ގަސްތުކުރީ ކުޅުމަށެވެ. އެ ޓީމުން ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 130 ލަނޑެވެ. ޖަވާބުގައި ރާއްޖެ އަރައި 19.5 އޯވަރުގެ ތެރޭގައި،އަށް ކުޅުންތެރިން ނުބައިވެގެން 131 ލަނޑު ހަދައި މެޗު ކާމިޔާބުކުރި އެވެ.

ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ސްރީލަންކާ ކުޅުންތެރިޔާ ނިލަންތަ ކޫރޭ އެވެ. އޭނާ ވަނީ 34 ބޯޅައިން 40 ލަނޑު ހަދައިފައެވެ. ރާއްޖޭގައި ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ނިލަންތަ ކޫރޭ މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބުނީ އައިސީސީގެ ގަވާއިދުގެ ދަށުން ރާއްޖޭގައި ދިރިއުޅޭތާ ތިން އަހަރު ވެފައިވުމުންނެވެ.

ތިން ގައުމު ވާދަކުރާ މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ވަނީ މުބާރާތް ބާއްވާ މެލޭޝިއާ އަތުން ބަލިވެފައެވެ. މުބާރާތުގެ ދެވަނަ ބުރުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ހުކުރު ދުވަހު މެލޭޝިއާއާ ދެކޮޅަށް ކުޅޭނެއެވެ. އަދި މުބާރާތުގެ ފަހު މެޗުގައި މިމަހުގެ 29 ވަނަ ދުވަހު ބައްދަލުކުރާނީ ތައިލޭންޑާއެވެ.

މި މުބާރާތަށް ފުރި ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނަކީ މުހައްމަދު މަހުފޫޒެވެ. އަދި ވައިސް ކެޕްޓަނަކީ ޝަފްރާޒް ޖަލީލެވެ. ޓީމުގެ ކޯޗަކީ ދެކުނު އެފްރިކާގެ އާސިފް ހާން އެވެ.

މިއީ އޭޝިއާ ބައްރުގައި ބާއްވާ ފުރަތަމަ ޓްރައި ސީރީޒް އެވެ. މީގެކުރިން މިފަދަ ސީރީޒްތައް ވަނީ ޔޫރަޕުގައި ބާއްވާފަ އެވެ. އެގޮތުން ސްޕެއިން އާއި އެސްޓޯނިއާ އަދި މޯލްޓާ ގުޅިގެން ވަނީ މިފަދަ ސީރީޒްއެއް ބާއްވާފަ އެވެ.