ނޮވެމްބަރު 3، 1988 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރޭވުމުގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، ރާއްޖެ ގެނައުމަށް އެއްވެސް ހުރަހެއްނެތްކަމަށާ ތަންފީޒީ އަމުރެއްް ފުލުހުންގެ މައްޗަށް ނެރުމުގެ ކުރިން ލުތުފީ ރާއްޖެ ގެނައުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފިއެވެ.

އުމަރު މިކަމަށް ގޮވާލެއްވީ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުން ލަސްވަނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކެއް ހުރުމުން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވާތީ އެކަމަށް ރައްދުދެއްވަމުންނެވެ.

އުމަރު ވިދާޅުވީ ގޮންޖެހުންތަކެއް ހުރިނަމަ އެގޮންޖެހުމަކީ އާއިލާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް އަންނަ ގޮންޖެހުމެއްކަމަށާ ލުތުފީ ހައްޔަރުކުރަން ރެޑް ނޯޓިސް ނެރެފައި އޮތުމަކީ އެއްވެސް ހުރަހެއް، އިތުރު ތަހުގީގެއްނެތި ކުށްވެރިޔާ ވަގުތުން ދިވެހިރާއްޖެއަށް ފޮނުވައިދޭނެކަމެއްކަމަށެވެ.

ކުރީގެ މިނިސްޓަރު އުމަރު ވަނީ އުޒުރު ދެއްކުމަކާއި ނުލައި ލުތުފީ އަނބުރާ ރާއްޖެއަށް ގެނައުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ. އެހެން ނޫންނަމަ އެ މައްސަލަ ކޯޓަށް ހުށައަޅާ، ތަންފީޒީ އަމުރެއް ފުލުހުންގެ މައްޗަށް ނެރުއްވާނެކަމަށް އުމަރު ވިދާޅުވިއެވެ.

އަބްދުﷲ ލުތުފީ، ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ހުރިކަން ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާކަމަށާ ސަރުކާރުން މަސައްކަތްކުރީ ލުތުފީއަށް ހިމާޔަތްދީ އެމްބަސީގައި ގެންގުޅުމަށްކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރުވީ ލުތުފީ ފޮރުވަންކަމަށާ އެއީ ޚިޔާނާތުގެ އަމަލެއްކަމަށެވެ. އަދި ސަރުކާރުން މި ހުރިހާ ދުވަހު ރަސްމީ އިއްޒަތުގައި ބޮޑު ކުށްވެރިއަކު، ދައުލަތުގެ އިމާރާތެއްގައި ގެންގުޅުމަކީވެސް ކުށެއްކަމަށެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ލުތުފީ ބެހެެއްޓީ ލަންކާގައި ހުންނަވާ ދިވެހި ސަފީރުކަމަށްވާނަ އޭނާ ކުރައްވާފައިވަނީ 3 އަހަރުގެ ޖަލު ހުކުމެއް އަންނަފަދަ ކުށެއްކަމަށާ އަދި މިހާ ގިނަ ދުވަސްވަންދެން ލުތުފީ، ލަންކާގައި ހުންނަ އެމްބަސީގައި ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށްވާނަމަ އެއީވެސް ކުށެއްކަމަށް އުމަރު ވިދާޅުވިއެވެ.

ލަންކާގައި ފިލައިގެން އުޅޭތާ 7 އަހަރު ދުވަސްފަހުން ލުތުފީ ދިވެހި އެމްބަސީން "ހިމާޔަތް" ހޯދީ އީސްޓަސަންޑޭގެ ބޮންގޮއްވުމުގެ ހާދިސާތަކާއި ގުޅިގެން ލަންކާގެ ފުލުހުން ހިންގާ ވަރުގަދަ އޮޕަރޭޝަނުން ސަލާމަތްވުމަށްކަމަށްވެސް އުމަރު ވިދާޅުވިއެވެ. އަދި ލަންކާގެ ފުލުހުންނަށް ލުތުފީ ފެނުނުނަމަ ހައްޔަރުކުރާނެކަމަށާ އޭނާ ހައްޔަރުކުރަން މީގެ ކުރިންވެސް ލަންކާގެ ފުލުހުން ވަރަށް މަސައްކަތްކޮށްފައިވާކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ލުތުފީ ރާއްޖެގެނެސް ޖަލުގައި ބަންދުކުރާނެކަމަށާ ނަމަވެސް އޭނާ މިނިވަންކުރެވޭނެ މަގެއް ހޯދުމަށް މި ސަރުކާރުން މަސައްކަތް ކުރާނެކަމަށެވެ.