ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މިމީހާ ހައްޔަރުކޮށްފައިވަނީ ވައިގެ މަގުން ފުވައްމުލަކު ސިޓީއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ޖޫން މަހުގެ 25 ވަނަ ދުވަހުގެރޭ 20:45 ހާއިރު ފުވައްމުލަކު އެއަރޕޯޓުން ކަމަށެވެ.

މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު، އޭނާގެ ފައިގެ ކަށިމަތީގައި ޓޭޕް އޮޅައި ބަނދެފައިއޮތް، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ޖޫސްޕެޓީ ކޮތަޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން މައުލުމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، އޭނާގެ ބަންދަށް މިހާރު 15 ދުވަސް ޖަހާފައިވައިރު، މި މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤް ކުރަމުންނެވެ.