ރ. އުނގޫފާރު ރައްޔިތުންނަށް އެރަށު ކައުންސިލް އިދާރާއިން ފޯރުކޮށްދެމުން ގެންދާ އަސާސީ ޚިދުމަތްތައް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް އާންމު ސިއްރު ވޯޓެއް ނެގުމަށް އުނގޫފާރު ކައުންސިލް އިދާރާއިން ނިންމައިފި އެވެ.

ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއްނާސިރު އަލީ ވިދާޅުވީ އުނގޫފާރު ރައްޔިތުންނަށް ކައުންސިލްގެ ވަރަށް ބޮޑު މާލީ އެހީތެރިކަމަކާ އެކު މިހާރު ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކަކީ ކުނި އުކައިދީ ކުނި މެނޭޖްކުރުމާއި، ކަރަންޓްގެ ޚިދުމަތާއި، ނަރުދަމާގެ ޚިދުމަތް ކަމަށެވެ. އަދި ވަރަށް އަވަހަށް ފެނުގެ ޚިދުމަތް ދޭން ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ނާސިރު ވިދާޅުވީ މީގެ ތެރެއިން ބައެއް ޚިދުމަތް ހޯދުމަށް ރައްޔިތުން ކޮންމެވެސް ވަރެއްގެ ފީއެއް ދެއްކި ނަމަވެސް ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވެނީ ކައުންސިލް އިދާރާއިން ސަބްސިޑީގެ ގޮތުގައި ކޮންމެ މަހަކު ވެސް މާލީ ގޮތުން ބޮޑު އެހީތެރިކަމެއް ވާތީ ކަމަށެވެ. ނަމަވެސް ކައުންސިލުން ކޮންމެ މަހަކު ބޮޑު ޚަރަދެއް ކޮށްގެން ދާއިމީ ގޮތަކަށް އަސާސީ ޚިދުމަތް ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން އުނގޫފާރުގައި ދެމުންދާ އަސާސީ ޚިދުމަތްތައް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ނިންމީ ދާއިމީ އަދި ދެމެހެއްޓެނިވި ގޮތަކަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށްވެސް ވިދާޅުވި އެވެ.

ނާސިރު ވިދާޅުވީ އުނގޫފާރު ރަޖިސްޓްރީގައި ހިމެނޭ އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މި ވޯޓުގައި ބައިވެރިވެވޭނެ ކަމަށެވެ. މާލޭގައި ދިރިއުޅޭ އުނގޫފާރުގެ ރައްޔިތުންގެ ތެރެއިން 50 މީހުންނަށް ވުރެ ގިނަ މީހުން މި ވޯޓުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފިނަމަ އުނގޫފާރުގައި ދެ ފޮށި އަދި މާލޭގައި އެއް ފޮށި ރައްޔިތުން ވޯޓުލުމަށް ބަހައްޓާނެ ކަމަށްވެސް ވިދާޅުވި އެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުން މިވޯޓުގައި ބައިވެރިވުމަށް އެދޭނަމަ އައިޑީކާޑް ނަންބަރު، ދާއިމީ އެޑްރެސްގެ އިތުރުން "މާލެ" ޖެހުމަށްފަހު 9892100 އަށް އެސްއެމްއެސް ކުރުމުން ވޯޓުގައި ބައިވެރިވުމަށް ރަޖިސްޓްރީވެވޭނެ ކަމަށްވެސް ނާސިރު ވަނީ މައުލޫމާތު ދެއްވާފަ އެވެ.

މިވޯޓުގައި ބައިވެރިވުމަށް މާލޭގައި އުޅޭ އުނގޫފާރުގެ ރައްޔިތުން ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މިވޯޓު ލުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖުލައި މަހުގެ 6 ވަނަ ދުވަހު އެވެ.

ނާސިރު ވިދާޅުވީ ވޯޓު ކަރުދާސްކޮޅުގައި ހިމަނާފައިވާނީ އުނގޫފާރުގައި ދެމުންގެންދާ އަސާސީ ޚިދުމަތްތައް އެމްޑަބްލިއުއެސްސީ، ފެނަކަ ނުވަތަ ރަށު ކައުންސިލްގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކާ މި ޚިދުމަތްތައް ހަވާލުކުރުމާ މެދު ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށް ކަމަށެވެ. ވޯޓު ނެގުމާއި، ގުނުމުގައި ހަރަކާތްތެރިވާނީ ކައުންސިލްގެ މުވައްޒަފުން ކަމަށާއި އަދި ވޯޓުގެ ކަންކަމަށް ޚަރަދުކުރާނީ ކައުންސިލަށް ލިބިފައިވާ އާމްދަނީން ކަމަށްޗެސް ނާސިރު ވަނީ ވިދާޅުވެފަ އެވެ.

ރަށެެއްގެ ކައުންސިލަކުން ފޯރުކޮށްދެމުން ގެންދާ އަސާސީ ގިނަ ޚިދުމަތްތަކެއް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް އާންމު ސިއްރު ވޯޓެއް ނެގުމަށް މިއީ ފުރަތަމަ ފަހަރު ކަމަށް މައުލޫމާތު ލިބެ އެވެ.

އުނގޫފާރުގައި އާބާދީގައި 1803 މީހުން ހިމެނޭއިރު އެރަށުގައި އާންމުކޮށް ދިރިއުޅެނީ 1500 މީހުން ކަމަށް އުނގޫފާރު ކައުންސިލުން ވަނީ މައުލޫމާތު ދީފަ އެވެ.