ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓަށް ނެރުމުގައި އިތުރު ލުއިތަކެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބެލްޖިއަމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނާ ފޯ ޓްރޭޑް، ސިސީލިއާ މެލްމްސްޓްރޮމް އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ޔޫރަޕިއަން ކޮމިޝަންގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދާއި ކޮމިޝަނާ މެލްމްސްޓްރޮމް ވަނީ ޔޫރަޕިއަން ޔޫނިއަންއާއި ދިވެހިރާއްޖެއާއި ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓަށް ނެރުމުގައި އިތުރު ލުއިތަކެއް ހޯދުމާ ބެހޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

މިނިސްޓަރު ޝާހިދު ވަނީ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އޭޝިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓް، ޕައޯލާ ޕަމްޕޮލީނީއާ ވެސް ބްރަސަލްސްގައި ބައްދަލުކުރައްވާފަ އެވެ.