ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅޭވޭ ސީޕީ ކަޕް އިންޓަ ޑިޕާޓްމަންޓް ފުޓްބޯޅަ މުބާރާތާއި ސިކްސްއަ ސައިޑް ވުމަންސް ފުޓްބޯޅަ މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އަންނަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފިރިހެން ޑިވިޒަން ކުރިއަށްދަނީ ދެ ޑިވިޒަނަކަށެވެ. އެއީ ފުރަތަމަ ޑިވިޒަން އާއި ދެވަނަ ޑިވިޒަންއެވެ. ސިކްސްއަ ސައިޑް ވުމަންސް ފުޓްބޯޅަ މުބާރާތުގައި ތިން ޓީމަކުން ބައިވެރިވެފައިވާއިރު އަންހެން ޑިވިޒަން ކުރިއަށްދަނީ ހޯމް އެންމެ އަވޭ އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ދާގޮތަށެވެ.

ފިރިހެން ޑިވިޒަންގައި ޖުމްލަ 18 ޓީމަކުން ބައިވެރިވެފައިވާއިރު ފުރަތަމަ ޑިވިޒަންގައި 13 ޓީމެއް ހިމެނޭއިރު ދެވަނަ ޑިވިޒަންގައި ހިމެނެނީ ފަސް ޓީމެކެވެ. ފުރަތަމަ ޑިވިޜަން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ކުއާޓަރ ފައިނަލަށް ދާގޮތަށެވެ. އަދި ކޮންމެ ގްރޫޕަކުންވެސް ތިން ވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމަށް ކުއާޓަރ ފައިނަލުން ޖާގަލިބިގެން ދާނެއެވެ. ދެވަނަ ޑިވިޒަން ކުރިއަށްދަނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީއަށް ދާގޮތަށެވެ.