ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ގެނެސްދޭ ދެވަނަ ފިލްމު "މާމުއި"ގައި ހިމެނޭ "އަރައިގެން އައި އިރާއޭ" ބެލުންތެރިންނަށް ދައްކާލައިފިއެވެ.

"މާމުއި"ގެ ވާހަކަ ދެކެވެން ފެށީއްސުރެ އާންމުން އެންމެ ބޮަޑަށް އިންތިޒާރުކުރީ މި ލަވަ ބަލާލުމަށެވެ. "އަރައިގެން އައި އިރާއޭ" މި ލަވައިގައި އެންމެ ތަފާތުކަމަށް ފެންނާނީ ދިވެހިންގެ ތެރޭގައި ކުރިން މަޝްހޫރުވި ބައެއް ލަވަތަކުގެ ރީ-މޭކްއެއް ފެނިގެންދިއުމެވެ. ލަވައަށް ގިނަ ބަޔަކު އިންތިޒާރުކުރި ސަބަބަކީވެސް އެއީއެވެ.

"އަރައިގެން އައި އިރާއޭ" ބެލުންތެރިންނަށް ދޫކޮށްލާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ޔޫޓިއުބާއި، ފޭސްބުކް މެދުވެރިކޮށް މި ލަވަ ބެލި އެންމެންވެސް ވަނީ ލަވައިގެ ހިތްގައިމުކަން ފާހަގަކޮށްފައެވެ.

ލަވާގައި ފެނިގެންދަނީ ކުޅަދަނާ އެކްޓަރު ނުޒުހަތު ޝުއެއިބް (ނުޒޫ) އަދި އަބުދުﷲ ޝާފިއު (ފުބޫ)އެވެ. ލަވަ ކިޔާފައިވަނީވެސް ފުބޫއެވެ.

"އަރައިގެން އައި އިރާއޭ" މި ލަވައިން ދިވެހިންގެ މެދުގައި ކުރިން މަގުބޫލުވި ދެތިން ލަވައެއްގެ ހަނދާންތައް ވަނީ އައުކޮށްދީފައެވެ.

މި ލަވަ މިއަދު ވަނީ ވީޓީވީން ގެނެސްދިން "ހަމީދުގެ މެހެމާސަރާ" ޕްރަގްރާމްގައިވެސް ދައްކާލާފައެވެ.