ވަގުތުން ތައްޔާރުކޮށްލެވޭ އަދި ތައްޔާރުކޮށްލާން ފަސޭހަ "އިންސްޓަންޓް" ނޫޑްލްސްއަކީ ކޮންމެ ގެއެއްގެ ބަދިގެއިންވެސް ފެންނަ އެއްޗެކެވެ. ޚާއްސަކޮށް ކުޑަކުދިން އުޅޭ ގެއެއް ނަމަ އެވެ. އަދި ގިނަ ވަގުތު ވަޒީފާ އަދާކުރާ މީހުން ދިރިއުޅޭ ތަންތަނުންނެވެ. އިންސްޓަންޓް ނޫޑްލްސްއަކީ ކެއްކުމަށް ފަސޭހަ، އެކަމަށް ގިނަ ވަގުތުތަކެއް ހޭދަ ނުވާ ރަހަމީރު ކާނާ އެެކެވެ. ނަމަވެސް މި ވައްތަރުގެ ނޫޑްލްސްއަކީ ހަށިގަނޑަށް ކިހާ ރައްކާތެރި އެއްޗެއްކަން އެނގޭ ހެއްޔެވެ؟

މިކަމާ ބެހޭ ގޮތުން މެސެޗުސެޓްސް ޖެނެރަލް ހޮސްޕިޓަލުގެ ގޭސްޓްރިއޯއެންޓެރޮލޮޖިސްޓެއް ކަމަށްވާ ޑރ. ބްރޭޑަން ކޯވަނީ ޚާއްސަ ދިރާސާއެއް ހަދާފަ އެވެ. މި ޓެސްޓުތައް ހަދާފައިވަނީ އާންމުކޮށް ނާސްތާއެއްގެ ގޮތުގައި "ތައްޔާރީ" ނުވަތަ "އިންސްޓަންޓް" ނޫޑްލްސް ބޭނުންކުރާ މީހުންގެ ހަށިގަނޑަށް - ޚާއްސަކޮށް ގޮހޮރަށް - އަންނަ ބަދަލުތައް ކުދި ކެމެރާ ތަކެއްގެ ޒަރީއާއިން ބަލައިގެންނެވެ.

މި ދިރާސާގައި ބައިވެރިވި މީހުން ވަނީ "ފްރެޝް" ނުވަތަ ތާޒާ ނޫޑްލްސްއާއި ވަގުތުން ތައްޔާރުކުރެވޭ ގޮތަށް ބަންދުކޮށްފައިވާ "އިންސްޓަންޓް" ނޫޑްލްސް ބޭނުންކޮށްފަ އެވެ.

މި ދިރާސާގެ ނަތީޖާއަށް ދެން ބަލައިލަމާ ހިންގާށެވެ. ތާޒާ ނޫޑްލްސްއަށް ބަލައިލާއިރު، ކެއުމުގެ 1-2 ގަޑިއިރާއި ދެމެދުގެ ތެރޭގައި ނޫޑްލްސްތައް ހަޖަމުވެ އެވެ. ނަމަވެސް، އިންސްޓަންޓް ނޫޑްލްސް ފުރިހަމައަށް ހަޖަމުވާން އެތައް ގަޑިއިރެއް ނަގަ އެވެ. އަދި އިންސްޓަންޓް ނޫޑްލްސް ހަޖަމުކުރަން ހަށިގަނޑުން ބުރަ މަސައްކަތް ތަކެއް ކުރާން ޖެހުނުކަން ދިރާސާއިން ހާމަވި އެވެ. ސަބަބަކީ ކޮބައިބާއެވެ؟ ޖަވާބަކީ މި ތަކެތި "ތައްޔާރީ ކާނާ"ގެ ގޮތުގައި ބެހެއްޓުމަށް ބޭނުންކޮށްފައިވާ މާއްދާތަކެވެ.

ތައްޔާރީ "އިންސްޓަންޓް" ނޫޑްްލްސްގެ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ކަޕް ނޫޑްލްސްއަށް ބަލައިލަމާ ހިގާށެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)ގެ މައުލޫމާތުތަކަށް ބަލައިލާއިރު އިންސްޓަންޓް ނޫޑްލްސް ހަލާކުވިޔަ ނުދީ ގިނަ ދުވަހު ރައްކާތެރިކަމާއެކު ބެހެއްޓުމުގެ ގޮތުން އޭގައި "ޓާޝަރީ-ބިޔުޓީލް ހައިޑްރޯކުއިނޯން (ޓީބީއެޗްކިޔު)" ކިޔާ މާއްދާއެއް ބޭނުންކޮށްފައިވެ އެވެ. މިއީ އާންމުކޮށް ބޭނުންކުރާ ނަމަ ޓިއުމަ އުފެދުމާއި ކެންސަރު ފަދަ ބަލިތައް ޖައްސާ ނުރައްކާތެރި މާއްދާ އެކެވެ.

ކަޕް ނޫޑްލްސްގައި ބޭނުންކޮށްފައިވާ "ޕްރޮޕިލީން ގްލައިކޯލް" އަކީ ދުންފަތުގެ މާއްދާތައް ތައްޔާރު ކުރުމުގައިވެސް ބޭނުންކުރާ މާއްދާ އެކެވެ. އަދި އިންސްޓަންޓް ނޫޑްލްސް އާންމު ގޮތެއްގައި ބަންދުކޮށްފައި ހުންނަނީ "ބިސްފެނޯލް އޭ" (ބީޕީއޭ) ކިޔާ މާއްދާއެއް އެކުލެވޭ ކޮންޓެއިނަރު ތަކުގަ އެވެ. އަދި މި މާއްދާއަކީ ހޫނުފެން ޖެހުމުން ހަށިގަނޑުގެ ހަޖަމުކުރުމުގެ ނިޒާމަށް ހުރަސްއަޅާ މާއްދާ އެކެވެ. މި މައުލޫމާތު ގަބޫލުނުކުރެވޭ ނަމަ ޑރ. ކޯގެ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ވީޑިއޯ ބަލައިލާށެވެ.