ޖޭއޭ މަނަފަރު ރިސޯޓުގައި ވަޒީފާ އަދާ ކުރަމުންދާ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކި ކުރުމަށް އެ ރިސޯޓުގެ މެނޭޖްމަންޓު ނިންމި ނިންމުމާއި ގުޅިގެން އެކަން ބެލުމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އެ ރިސޯޓަށް ފުރާވަޑައިގެންފިއެވެ.

ރިސޯޓަށް ވަޑައިގަތުމުގެ ކުރިން މީޑިއާއި ބައްދަލު ކުރައްވައި ވިދާޅުވީ މަނަފަރު ރިސޯޓުގައި ހިނގަމުންދާ ކަންކަމުގެ މައުލޫމާތު ލިބުމާއެކު އެކަން މިނިސްޓްރީގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލަން ފަށާފައިވާ ކަމަށެވެ. އެގޮތުން ޑެޕިއުޓީ މިނިސްޓަރުންނާއި އެނޫންވެސް މިނިސްޓްރީގެ އިސްވެރިންގެ ޓީމެއް އެކަމުގައި ހަރަކާތްތެރިވެ ވަރަށްގާތުން މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން ރިސޯޓުން މުވައްޒަފުން ވަކިކޮށްފައިވަނީ ރިސޯޓުގެ މާލީހާލަތު ދަށްވެގެންކަން ހާމަވާ ކަމަށެވެ. އެހެންނަމަވެސް އެފަދަ ކޮންމެ ހާލަތެއް ދިމާވި ކަމުގައިވިޔަސް އެއްވެސް ބަޔަކަށް ގާނޫނާ ހިލާފަށް މުވައްޒަފުން ވަކިކުރުމުގެ ބާރު ލިބިދީފައި ނުވާނެކަމަށް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާ ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މި ދާއިރާއަކީ ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ލިބޭ އެންމެ ބޮޑު ދާއިރާކަމަށްވާއިރު ރާއްޖެއަންނަ ކޮންމެ ފަތުރުވެރިއަކަށްވެސް ހިދުމަތް ދިނުމަށް އެންމެ ފުރަތަމަ ވަގުތުން ފެށިގެން އެންމެ ފަހުވަގުތާއި ޖެހެންދެން މަސައްކަތްކުރާ ކޮންމެ މިހަކީވެސް މުޅި ގައުމު އެބައެއް ބަލައިގަންނަންޖެހޭ މުހިންމު ބައެއް ކަމަށެވެ.

އެފަދަ މުހިންމު ވަޒީފާއެއް އަދާކުރަމުންދާ ބަޔަކު ކުއްލިގޮތަކަށް ވަޒީފާއިން ވަކިކުރުމަކީ މުޅި ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ވަރަށް ބޮޑު ހީނަރުކަމެއް ލިބިގެންދާނެ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަނަފަރުގެ މައްސަލައާއި ގުޅިގެން މިނިސްޓްރީން އިސްނަގައިގެން މަސައްކަތް ކުރަމުންދިޔަ ކަމުގައިވިޔަސް އެކަމާއި ގުޅިގެން ރަސްމީ ގޮތެއްގައި މިނިސްޓްރީއަށް މިހާތަނަށް އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށެވެ.

އެހެންނަމަވެސް އެތަނުގައި ވަޒީފާ އަދާކުރަމުން ގެންދާ މުވައްޒަފުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލަކަށް ދިޔުމާގުޅިގެން އެމީހުންނާއި ވާހަކަދައްކައި އެކަން ހުއްޓާލުމަށް އެދިވަޑައިގެންފައި ވާނެ ކަމަށާއި ސަރުކާރުން އެކަން ބަލައި އިންސާފު ހޯއްދަވައި ދެއްވާނެކަމުގެ ޔަގީންކަން މުވައްޒަފުންނަށް ދީފައިވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މި މައްސަލައާއި ގުޅިގެން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ މާލޭގައި ހުންނަވައިގެން ރިސޯޓުގެ މުވައްޒަފުންނާއި މެނޭޖްމަންޓާއި ބައްދަލލު ކުރެވޭނެ މަގެއް ފަހިކުރެއްވުމަށް ކަމަށެވެ. އެހެންނަމަވެސް އެކަން ނާކާމިޔާބުވުމުން ރިސޯޓަށް ވަޑައިގެން އެކަން ގާތުން ރަނގަޅަށް ބެއްލެވުމަށް ނިންމެވީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ވިދާޅުވީ ބައްދަލުވުމުގެ ފުރުސަތު ނުލިބުނު ކަމުގައިވިޔަސް ފޯނުން ވާހަކަދެއްކުމާއި ލިބެންވާ އެހެނިހެން ހުރިހާ އެއްބާރުލުމެއްވެސް ލިބެމުންދާ ކަމަށާއި އެކަން ބަލައިިގަނެ ރިސޯޓުގެ މުވައްޒަފުންނާއި މެނޭޖްމަންޓަސް ޝުކުރު އަދާކުރައްވާ ކަމަށެވެ.