މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމަށް ޖޭއޭ މަނަފަރު ރިސޯޓުގެ މެނޭޖްމަންޓުން ނިންމި ނިންމުން އަނބުރާ ގެންގޮސްފިއެވެ.

މިކަން މިރޭ ހާމަކޮށްފައިވަނީ، ޓުއަރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފޭސްބުކް ޕޭޖްގައި ޝާއިއުކޮށްފައިވާ ޕޯސްޓެއްގައެވެ.

ފޭސްބުކް ޕޯސްޓާއެކު، މިމައްސަލައާ ގުޅިގެން އެ ރިސޯޓަށް ވަޑައިގެންނެވި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދާއި، ބައެއް މުވައްފުންނާއެކު ނަގާފައިވާ ފޮޓޯތަކެއްވެސް ޝާއިއުކޮށްފައި ވެއެވެ.

އެ ޕޯސްޓްގައި ބުނެފައިވަނީ، މުވައްޒަފުން މަދުކުރުމުގެ ކަންކަން ކުރިއަށް ނުގެންދިއުމަށް ރިސޯޓްގެ މެނޭޖްމަންޓުން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރުމަށް މުވައްޒަފުންނަށް ދިން ނޯޓިސްވެސް އަނބުރާ ގެންގޮސްފައިވާ ކަމަށް ބުނެފައި ވެއެވެ.

ހަމަ އެއާއެކު، މިމައްސަލަ ކުރިމަތިވުމުން އެ ރިސޯޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަރާތުން ދެއްކި އެއްބައިވަންތަކަމަށް ޝުކުރު އަދާކޮށްފައި ވެއެވެ. އަދި މިމައްސަލަ ހައްލުކުރެއްވުމަށް ކޮށްދެއްވި ގިނަގުނަ މަސައްކަތްތަކަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދަށްވެސް ޝުކުރު އަދާކޮށްފައި ވެއެވެ.

ޖޭއޭ މަނަފަރު ރިސޯޓުން މުވައްޒަފުން މަދުކުރުމުގެގޮތުން ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ދިނުމާ ގުޅިގެން، މައްސަލަ ގޯސްވީ އެކަމާ ބެހޭގޮތުން ރިސޯޓްގެ ޖެނެރަލް މެނޭޖަރާ ބައްދަލުކުރުމަށް މުވައްޒަފުން އެދުމުން ޖެނެރަލް މެނޭޖަރ އެކަމަށް އިންކާރު ކުރެއްވުމުންނެވެ.

މިކަންތައްގަނޑުގެ ތެރޭގައި، ސްޓާފުންގެ ކެއުމުގެ ކަންކަމާއި، އެހެނިހެން ހައްގުތަކާ ގުޅިފައި ހުރި ކަންކަން ރަނގަޅު ނުކުރުމުން ރިސޯޓްގެ މުވައްޒަފުން އިއްޔެއިން ފެށިގެންވަނީ ސްޓާފް ކެންޓީނުން ކެއިންބުއިންވެސް ހުއްޓާލިއެވެ.

މިމައްސަލަ އިތުރަށް ގޯސްވާން ފެށުމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުވަނީ މިއަދު އެ ރިސޯޓަށް ވަޑައިގެންފައެވެ.