ޕީސް ފައުންޑޭޝަންގެ ފަރާތުން ކުރިއަށް ގެންދާ "ދަ ލެގަސީ" ޕްރޮގްރާމްގެ ތެރެއިން އަންނަ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖައްސާފައިވާ ދަރުސް ބޭއްވުމަށް ސިޓީކައުންސިލް މެދުވެރިވެގެން އެޖަމިއްޔާއަށް އަމީނިއްޔާ ސްކޫލު ހަމަޖައްސައިދީފިއެވެ.

ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޞަބާހް ވީނިއުސްއަށް ވިދާޅުވީ، ކުރިން އިސްލާމީ މަރުކަޒު މައިދާނުގައި ބޭއްވުމަށް ހަމަޖެއްސި "ދަ ލެގަސީ" ޕްރޮގްރާމްގެ، އައްޝައިޚް އަބްދުއްރަހީމް މަކާރިޘީގެ ދަރުސް ބޭއްވުމަށް އަމީނިއްޔާ ސްކޫލު ހަމަޖައްސަވައި ދެއްވުމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު މަސައްކަތްކޮށްދެވި ކަމަށެވެ. އަދި އެކަމަށްޓަކައި ސިޓީކައުންސިލަށް ޚާއްސަ ޝުކުރެއް އަދާކުރައްވާކަމުގައި ޞަބާޙް ވިދާޅުވިއެވެ.

ޞަބާޙު ވިދާޅުވީ، ޕީސް ފައުންޑޭޝަންގެ އެދަރުސް ބޭއްވުމަށް ހަމަޖައްސާފައި ވަނީ، އަމީނިއްޔާ ސްްކޫލުގެ ކޮމްޕައުންޑުގައި ކަމަށެވެ.

މިދަރުސްގައި ޝައިޚް މަކާރިޘީ ތަގުރީރުކުރައްވާނީ "ދަ ޕަވަރ އޮފް ރިޕެންޓެންސް" މައުޟޫއަށެވެ.

އިސްލާމީ މަރުކަޒު މައިދާނުގައި ކުރިން ބޭއްވުމަށް ހަމަޖެއްސި އެދަރުސް ބޭއްވުމަށް އެތަން ދެވެން ނެތްކަމަށް ސިޓީ ކައުންސިލުން އެންގުމުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވީނަމަވެސް، ޕީސްފައުންޑޭޝަނަށް ތަނެއް ހޯދައި ދިނުމަށް އަމަލީގޮތުން ސިޓީކައުންސިލުން ވަނީ މަސައްކަތްކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ޕީސް ފައުންޑޭޝަންގެ ދަރުސް ބޭއްވުމަށް އަމީނިއްޔާ ސްކޫލު ހަމަޖެހުނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، އަމީނިއްޔާ ސުކޫލުގެ އިސްވެރިންނާއި އެކު ސިޓީކައުންސިލުން ބައްދަލުކޮށް މަޝްވަރާތައް ކުރުމަށްފަހުގައި ކަމަށެވެ.

އަދި ޕީސްފައުންޑޭޝަނަކީ ސަރުކާރަށާއި ސިޓީ ކައުންސިލަށް އެއްބާރުލުންދޭ ޖަމިއްޔާއެއްކަންވެސް ޝިފާ ފާހަގަކުރެއްވިއެވެ.

ޝިފާ ވިދާޅުވީ، އިސްލާމީ މަރުކަޒު މައިދާން ޖަލްސާތަކާއި އެއްވުންތައް ބޭއްވުމަށް ކުރިޔަށް އޮތްތަނުގައިވެސް އެއްވެސް ބަޔަކަށް ދޫނުކުރާނެ ކަމަށެވެ.