މިއީ ނައިޖީރިއާގެ އެންމެ ބޮޑު ރަށް ކަމަށްވާ ލާގޯސްގެ އަވަށެއް ކަމަށްވާ އަޖެގުންލޭ އެވެ. ދަށްފަންތީގެ މީހުން ދިރިއުޅޭ، ފަގީރުންގެ އަދަދު ގިނަ ސަރަހައްދެކެވެ. އެންމެ ފުރިހަމަ ތައުލީމީ ޚިދުމަތްތައް ހޯދުމަކީ އެކަމަށް ބޮޑެތި ޚަރަދުތަކެއް ހިނގާ ކަމެކެވެ. ނަމަވެސް އަޖެގުންލޭގައި ހުންނަ މޮރިޓް އިންޓަނޭޝަނަލް ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް، ތައުލީމް ހާސިލްކުރުމަށް މާ ބޮޑެތި ހުރަސްތަކެއް ނެތެވެ. ޚާއްސަކޮށް ފަގީރު އާއިލާތަކަށް ނިސްބަތްވާ ކުދިންނަށެވެ.

އެ ކުދިންނާއި، އެ ކުދިންގެ އާއިލާތަކަށް ވަރަށް ޚާއްސަ ކެމްޕޭނެއް އަޖެގުންލޭގައި ދަނީ ހިންގަމުންނެވެ. އެއީ އެފްރިކާ ކްލީންއަޕް އިނީޝިއޭޓިވް (އޭސީއައި)އާއި، މޮރިޓް އިންޓަނޭޝަނަލް ސްކޫލާއި ދެމެދުގެ ހަދާފައިވާ ޚާއްސަ އެއްބަސްވުމެއްގެ ދަށުން ހިންގާ ކެމްޕޭނެކެވެ. އޭސީއައިއަކީ ދެމެހެއްޓެނެވި ތަރައްގީއަށް މަސައްކަތްކުރާ ޖަމިއްޔާ އެކެވެ.

މި ކެމްޕޭންގެ ދަށުން ފަގީރު އާއިލާތަކަށް ނިސްބަތްވާ ކުދިންނަށް، ސްކޫލް ފީގެ ގޮތުގައި ޕްލާސްޓިކް ފުޅި ދެއްކުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. "ރީސައިކަލްސްޕޭ"ގެ ނަން ދީފައިވާ މި ކެމްޕޭންގެ މައިގަނޑު މަގުސަދަކީ ސްކޫލް ފީ ދެއްކުމަށް ނުކުޅެދޭ އާއިލާތަކަށް، އުކާލާފައިވާ ޕްލާސްޓިކް ފުޅި އެއްކޮށްގެން، އެތަކެތި ފީގެ ގޮތުގައި ސްކޫލަށް ފޯރުކޮށްދިނުމެވެ.

މި ސްކޫލްގައި ކިޔަވާ ދަރިވަރުން ކޮންމެ ޓާމަކަށް ފީގެ ގޮތުގައި 24 އެމެރިކާ ޑޮލަރު ދައްކަން ޖެހެއެވެ. ނަމަވެސް، "ރީސައިކަލްސްޕޭ" ކެމްޕޭންގެ ދަށުން ސްކޫލުން ބަލައިގަންނަ ކޮންމެ 200 ކިލޯގެ ޕްލާސްޓިކަށް، އެ ކުއްޖެއްގެ ސްކޫލް ފީން 11 ޑޮލަރު ކަނޑައިދޭނެ އެވެ.

މި ކެމްޕޭންގެ ދަށުން ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން، އެ ކުދިންގެ ތައުލީމް ހާސިލްކުރުމުގެ ފީއެއްގެ ގޮތުން ޕްލާސްޓިކް ފުޅި ދައްކައެވެ. ޕްލާސްޓިކް ފުޅިއާއި، އުކާލާފައިވާ އެހެނިހެން ޕްލާސްޓިކް ކުނި އެއްކުރުމުގެ އަމަލީ މަސައްކަތުގައި ހަރަކާތްތެރިވަނީ އެކުދިންގެ އާއިލާގެ މެމްބަރުންނެވެ.

ލާގޯސްގެ ސަރަހައްދުތަކަށް، ޚާއްސަކޮށް ކަނޑުގެ ސަރަހައްދުތަކަށް، އަހަރެއްގެ މައްޗަށް އުކާލާ ޕްލާސްޓިކް ކުނީގެ މިންވަރު 450،000 މެގަޓަނަށް އަރަ އެވެ.

ނައިޖީރިއާއަކީ 11 ވަނައަށް އެންމެ ގިނަ ޕްލާސްޓިކް ކުނި އުފައްދާ ގައުމެެވެ. "ރީސައިކަލްސްޕޭ" ކެމްޕޭންގެ ދަށުން މިހާރުވެސް ފަސް ސްކޫލެއްގައި ފަގީރު އާއިލާތަކުގެ ކުދިންނަށް ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ހުޅުވައިލާފައިވާއިރު، މިއީ ނައިޖީރިއާގެ ތިމާވެށި ހިމާޔަތްކުރަން ކުރާ މަސައްކަތަށް ލިބިގެންދާ އިތުރު ހިތްވަރެކެވެ.