އޮކާ މީޑިއާގެ ފަރާތުން ރާއްޖޭގެ ގެސްޓް ހައުސް ޓޫރިޒަމާއި، ލޯކަލް އައިލެންޑް ޓޫރިޒަމް އިޝްތިހާރުކުރުމުގެ ގޮތުން ޚާއްސަ މަޖައްލާއެއް ނެރެފި އެވެ.

އެމްއެމްޕީއާރްސީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިމަޖައްލާ ނެރެދެއްވީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދެވެ.

މި ރަސްމިއްޔާތުަގއި ވާހަކަފުޅު ދައްކަވަމުން އޯކާ މީޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވީ މަޖައްލާގެ މަސައްކަތަކީ 2014 ވަނަ އަހަރުން ފެށިގެން އޯކާ މީޑިއާއިން ކުރަމުން އައިސްފައިވާ މަސައްކަތެއް ކަމަށެވެ. އެގޮތުން މިއަދު "ލޯކަލް އައިލެންޑް ޓޫރިޒަމް"ގެ ނަމުގައި ނެރުނު މަޖައްލާ އަކީ ފަތުރުވެރިކަން ކުރިއަރުވާ އިޝްތިހާރުކުރުމަށް ނެރެވުނު ފަސްވަނަ މަޖައްލާ ކަމަށް ސަނީ ވިދާޅުވި އެވެ.

ރާއްޖޭގެ ގެސްޓްހައުސް ޓޫރިޒަމް ކުރިއަށް ވުރެ ބޮޑަށް މިހާރު ފުޅާވަމުން އަންނަކަން ފާހަގަކުރައްވާ ސަނީ ވިދާޅުވީ 2011 އިން ފެށިގެން މިއަދާ ހަމައަށް 570 އަށް ވުރެ ގިނަ ގެސްޓްހައުސް ރާއްޖޭގެ ރަށްރަށުގައި ރަޖިސްޓްރީ ކޮށްފައިވާ ކަަމަށެވެ. އަދި ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި މި އަދަދު 1000 އަށް އިތުރުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ސަނީ ވަނީ މައުލޫމާތު ދެއްވާފަ އެވެ.