ޝަރުޢީ ދާއިރާގައި ހުރި މައްސަލަތައް އިސްލާހުކުރުމަކީ މައްސަލައެއްނޫންކަމަށާ ނަމަވެސް އިސްލާމީ ޝަރީއަތުގެ އިލްމު ނެތި އެކަން އެންމެ އެދެވޭގޮތުގައި ކުރެވޭނެތޯ، މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސައިން ސުވާލުކުރައްވައިފިއެވެ.

ޝައިޚް އިލްޔާސް މި ސުވާލު އުފައްދަވާފައިވަނީ މިއަދު އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.

ކަންކަމުގައި ދީނުގައި އޮންނަގޮތް އަބަދުވެސް ރައްޔިތުންނަށް ބުނެދެއްވާ، އަދި ގައުމީ ބޮޑެތި ކަންކަމުގައިވެސް ވާހަކަފުޅު ދައްކަވަމުން ގެންދަވާ ޝައިޚް އިލްޔާސް ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ ޝަރުޢީ ދާއިރާގައި ހުރިމައްސަލަތައް އިސްލާޙުކުރުން މައްސަލައެއްނޫންކަމަށެވެ. ނަމަވެސް ސުވާލަކީ އިސްލާމީ ޝަރީޢަތުގެ ޢިލްމު ނެތި އެކަން އެންމެ އެދެވޭގޮތުގައި އިސްލާހުކުރެވޭނެތޯ ކުރެވޭ ސުވާލުކަމަށް ޝައިޚް ވިދާޅުވިއެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ މިކަމާމެދު ވިސްނާނުލާ ދޫކޮށްލުމަކީ ޢަދުލު އިންސާފުގެ ދާއިރާއަށްލިބޭ ވަރަށްބޮޑު ނިކަމެތިކަމެއް ކަމަށެވެ.

އިލްޔާސްގެ މި ޓްވީޓާއެކު އެމަނިކުފާނު ވަނީ "ދަންނަ މީހުންނާއި ނުދަންނަ މީހުން ހަމަހަމަވާނެތޯއާއި، ނަސޭހަތް ލިބިގަންނަކަން ކަށަވަރީ ބުއްދީގެ އަހުލުވެރިކަމަށް" ބަޔާންކުރައްވާ މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްވެސް ހިމަނުއްވާފައެވެ.