ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ގެނެސްދިން ދެވަނަ ފިލްމު "މާމުއި" އޮލިންޕަހުގައި ރޭ ވަނީ ސްކުރީންކޮށްފައެވެ. މިހާތަނަށް އެ ސްޓޫޑިއޯއިން އުފެއްދި އެންމެ އަގުބޮޑު މި ފިލްމަކީ ފަހުގެ ތާރީޚެއްގައި މިހާ ބޮޑު ކާސްޓަކާއިއެކު އުފައްދާފައިވާ ފުރަަތަމަ ފިލްމެވެ.

އަހަރުގެ ބޮޑު ފިލްމުކަމަށް ކުރިންވެސް ބެލެވުނު "މާމުއި" ހަގީގަތުގައިވެސް ވެގެން މިދިޔައީ މިއަހަރުގެ ބޮޑު ފިލްމަށެވެ.

އޮލިންޕަހުން ރޭ ފިލްމު ބެލި ހުރިހާ ބެލުންތެރިންވެސް ވަނީ ފިލްމާއި ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހުން ފާޅުކޮށްފައެވެ. ފިލްމުގައި ރަނގަޅު ވަރަށް ގިނަ ކަންކަން ބެލުންތެރިން ވަނީ ފާހަގަކޮށްފައެވެ. ވަކިން ޚާއްސަކޮށް މަޖާ ފިލްމެއްގެ ގޮތުގައި ގެނެސްދިން "މާމުއި"އަކީ ހިނިތުންވެލަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއްކަން ބެލުންތެރިން ފާހަގަކުރެއެވެ.