ދިވެހިރާއްޖެއާއި ސްރީލަންކާއަކީ، ވަރަށް ޒަމާންވީ ގާތް އެކުވެރި ދެ ގައުމުކަމަށާއި، އެއްގައުމަކަށް ލިބޭ އުފަލާއި، ހިތާމައަކީ އަނެއް ގައުމަކަށްވެސް ލިބޭ އުފަލާއި، ހިތާމައެއްކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ، ޒާހިރާ ކޮލެޖުގެ ޖީސީއީ އެޑްވާންސް ލެވެލް މިއަހަރު ފަށާ ކުދިންނަށް މަރުހަބާ ކިޔުމުގެ ގޮތުންނާއި، ހާޒިރީން އެންމެ މަތީ ވަނަތައް ހާސިލުކުރި ކުދިންނަށް އިނާމުދިނުމަށްޓަކައި އެ ކޮލެޖުގައި އިއްޔެ ބޭއްވި ޚާއްސަ ޖަލްސާގެ ޝަރަފުވެރި މެހުމާނެއްގެގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.އެ

ރައީސް މައުމޫންގެ ވާހަކަފުޅުގައި މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޓެރަރިސްޓުންގެ ބަޔަކު ސްރީލަންކާގައި ދިން ނުރައްކާތެރި ހަމަލާގައި، އެތައް ސަތޭކަ ބަޔަކު މަރުވި ހާދިސާއަށް އިޝާރާތްކުރައްވައި އެ މައްސަލައިގައި ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއީދު ސްރީލަންކާގެ ރައްޔިތުންނާއެކުގައިވާކަމަށް ވިދާޅުވިއެވެ. އަދި ޓެރަރިޒަމްގެ އަމަލުތަކަކީ، އިސްލާމްދީނާ ޚިލާފު އަމަލުތަކެއްކަމަށާއި، އިސްލާމްދީނަކީ، ސުލްހައަށް ލޯބިކުރާ އަދި އެންމެންގެ މެދުގައި އެކުވެރިކަމާއި ރަހްމަތްތެރިކަން ބަދަހިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާ ދީނެއް ކަމުގައި ވިދާޅުވިއެވެ.