ޕާކްކުރާނެ ތަނެއް ނުދައްކާ ސްޓިކާ ނުޖަހާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެފައިވާއިރު، އެކަމަށް އެކަށީގެންވާ އިންތިޒާމްތަކެއް ހަމަޖައްސައިނުދީ ސްޓިކާ ޖަހާ މައްސަލާގައި ކަމާބެހޭ އިދާރާގެ ވަޒީރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުށައަޅައިފިއެވެ.

ސްޓިކާ ޖަހާ މައްސަލާގައި، ވަޒީރާއި ސުވާލުކުރަން ހުށައަޅާފައިވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. މި މައްސަަލައާއި ގުޅިގެން ކޮމެޓީއަށް ހާޒިރުކުރައްވާނީ ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.

ޖާބިރު ހުށައެޅި މައްސަލައާއި ގުޅިގެން އޭނާ ވިދާޅުވީ ސްޓިކާ ޖަހާ މައްސަލާގައި، ވަޒީރާއި ސުވާލުކުރަން ހުށައަޅާފައިވަނީ އެއީ އާންމުން ކަންބޮޑުވާކަމެއްކަމުގައިވާތީކަމަށެވެ. އަދި ޕާކްކުރާނެ ތަނެއް ނުދައްކާ ސްޓިކާ ނުޖަހާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް، ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންފައިވާކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ޕާކްކުރާނެ ތަން ނުދައްކާ ސްޓިކާ ޖެހުމަކީ މި ސަރުކާރުން ބޭނުންވާނެކަމެއް ނޫންކަމަށެވެ. އެހެންކަމުން ވަޒީރާ ސުވާލުކުރަން ހުށައަޅާފައިވަނީ އެކަންކަން ސާފުކުރުމަށްކަމަށް ޖާބިރު ވިދާޅުވިއެވެ.

ވަޒީރަކާއި ސުވާލުކުރަން މަޖިލީހަށް ހުށައެޅުމުން އެކަމުގެ ނޯޓިސް ވަޒީރަށް ފޮނުވަންޖެހެއެވެ. އަދި 14 ދުވަހުގެ މުއްދަތެއް ޖަވާބުދާރީވެވަޑައިގަތުމަށް ވަޒީރަށް ލިބިވަޑައިގަންނަވައެވެ.

ގަވައިދާ ހިލާފަށް ޕާކް ކުރުމާ ގުޅިގެން ކޮންމެ ހަފްތާއަކު އެތައް ސަތޭކަ ވެހިކަލްތަކެއްގައި ސްޓިކާ ދަނީ ޖަހަމުންނެެވެ. އެގޮތުން ނިމިގެންދިޔަ ހަފުތާގައި ރެކޯޑް އަދަދަކަށް ވެހިކަލްގައި ވަނީ ސްޓިކާ ޖަހާފައެވެ. ޕާކްކުރާނެ ތަނެއް ނުދައްކާ ސްޓިކާ ނުޖަހާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވި ނަމަވެސް ސްޓިކާ ޖެހުން ކުޑަ ދުވަސްކޮޅަކު ހުއްޓާލުމަށްފަހު ފުލުހުން ގެންދަނީ ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ވެހިކަލެއްގައި ސްޓިކާ ޖަހަމުންނެވެ.

ޕާކިން މައްސަލައަށް ހައްލެއް ހޯދުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތްތަކެއް ކުރަމުންދާއިރު، އެ މައްސަލައަށް މުޅިން ހައްލެއް ނުގެނެސް ސްޓިކާ ޖަހަމުންދާތީ އާންމުން ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.