މަގާމުގައި ހުންނެވި ދުވަސްވަރު ހިނގާދިޔަ ކަންތައްތަކާއި ގުޅޭގޮތުން ޖަވާބުދާރީވާން ތައްޔާރަށް ހުންނެވިކަމަށް ފައިނޭންސަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔާގެ މަގާމުގައި ކުރިން ހުންނެވި އާތިފް ޝަކޫރު ވިދާޅުވެއްޖެއެވެ.

އާތިފް މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނިން މަނީ ލޯންޑްރިންގެ މުއާމަލާތް ހިންގަމުން ދިޔަކަން ފާހަގަވި ނަމަވެސް އެކަމަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައި ވަނީ، އޭރުގެ ފައިނޭންސަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔާގެ އެންގުމަށް ކަމަށް އޭސީސީން ހާމަކުރުމާއި ގުޅިގެންނެވެ.

އޭސީސީގެ ތަހުގީގު ރިޕޯޓާއި ގުޅިގެން އާތިފް ވިދާޅުވީ އެސްއޯއެފްގެ މަނީ ލޯންޑްރިންގެ ކަންކަން ފެށުނީ 2014 ގައި ކަމަށާ އަދި އެކަން 2018ވަނަ އަހަރު ފެށުނު ފަހުން ވެސް ކުރިއަށް ދިޔަކަމަށެވެ.

އޭނާ އެފްއައިޔޫ ގައި ހުރީ ނޮވެމްބަރު 2014 އިން ޖޫން 2015ގެ ނިޔަލަށްކަން ފާހަގަކުރައްވާ އާތިފް ވިދާޅުވީ އޭރު ބާރުގައި ތިބި ހުރިހާ ބޭފުޅުންނަށްވެސް ކަންކަން ހިނގާދިޔަގޮތް އެނގޭނެކަމަށެވެ.

އަދި އެކަންކަން ހުއްޓުވުމުގެ ބާރު އޭނާގެ އަތުގައި ނެތްކަން އެނގުމުން، އެ ނިޒާމުން ބޭރުވެ، އެކަން ހުއްޓުވޭނެ ފަދަ ބޭފުޅަކަށް މަގާމު ދޫކޮށްލިކަމަށްވެސް އާތިފް ވަނީ ވިދާޅުވެފައެވެ.

އާތިފް ވިދާޅުވީ އޭނާ އެފްއައިޔޫގައި ހޭދަ ކުރެއްވި ހަތް މަސް ދުވަހަށް ފުރިހަމަ އަށް ޖަވާބުދާރީވާން ހުރީ ތައްޔާރަށްކަމަށެވެ.