ހުސްވެފައިވާ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމަށް، އެޕާޓީގެ ކުރީގެ ރަޖިސްޓަރު އަދި ކައުންސިލް މެންބަރު އަހުމަދު ސައުދު ކުރިމަތިލައްވައިފިއެވެ.

ސައުދު ވަނީ، ޖޭޕީގެ ނައިބް ރައީސްކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާ، ފޯމްވެސް ޕާޓީގެ އޮފީހަށް ހުށައަޅާފައެވެ.

ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ އެޕާޓީގެ މެންބަރެއްގެ ގޮތުގައި ދެމި ހުންނެވި ސައުދަކީ ޖުމްހޫރީ ޕާޓީގެ މުހިންމު މަގާމުތަކެއް މީގެ ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ޖޭޕީން ކުރިއަށް ގެންދިޔަ ކޮންމެ ސިޔާސީ މަސައްކަތެއްގައި އެންމެ އިސްކޮށް ނިކުންނަވާ ބޭފުޅުންގެ ތެރޭގައި ސައުދު ހިމެނިވަޑައިގަންނަވައެވެ.

ސައުދު ފާހަގަކުރެވިފައިވަނީ ޖުމްހޫރީ ޕާޓީގެ މަސްލަހަތު ހިފެހެއްޓުމުގައި މިހާތަނަށް ގިނަ ގުރުބާނީތަކެއްވެސް ވެވަޑައިގެންނެވި މެންބަރެއްގެ ގޮތުގައެވެ. އެގޮތުން ބައެއް އިންތިޚާބުތަކުގައި ވާދަކުރައްވަން ނިންމަވާ، އެކަންކަން އިއުލާނުކުރުމަށްފަހުވެސް، ޕާޓީގެ މަސްލަހަތަށް އިސްކަން ދެއްވާ ފަހަަތަށް ޖެހިވަޑައިގަތުން ފާހަގަކުރެވެއެވެ.

ޖޭޕީގެ ނާއިބް ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވުމަށްފަހު ވީނިއުސްއާއި ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ އަމާޒަކީ ޖުމްހޫރީ ޕާޓީގެ ނާއިބް ރައީސްކަމުގައި ހުންނަވާ ޕާޓީގެ ލީޑަރުގެ ވިސްނުންފުޅާއެކު ޖޭޕީ ކުރިއަށް ގެންދިއުންކަމަށެވެ. އަދި ޖޭޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުކޮށް، މިހާރަށްވުރެ ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ޖޭޕީ ހެއްދެވުންކަމަށެވެ.

ސައުދު، ޖުމްހޫރީ ޕާޓީގެ ރަޖިސްޓަރގެ މަގާމުގައި ހުންނެވި ދުވަސްވަރުވެސް ވަނީ އެތަށް ސަތޭކަ މެންބަރުންނެއް ޖުމްހޫރީ ޕާޓީގެ މެންބަރުޝިޕް ލިސްޓަށް އިތުރުކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސްކަމުގެ މަގާމު ހުސްވީ، މިދިޔަ އަހަރު ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އެޕާޓީގެ ނާއިބް ރައީސްކަމަށް އިންތިޚާބުކުރި ޑރ. އަބްދުﷲ މައުސޫމު އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ޑރ މައުސޫމް އެމަގާމުން އިސްތިއުފާދެއްވީ މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހުއެވެ.

ޖުމްހޫރީ ޕާޓީން ބުނީ އެޕާޓީގެ ނާއިބް ރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށާ އަދި އެ ފުރުސަތު 4 ޖުލައިގެ ނިޔަލަށް އޮންނާނެކަމަށެވެ.