ފިލްމީ ދާއިރާގައި އުޅޭން ޖެހުމުގެ ސަބަބުން ދީނީ ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވާކަމަށް ބުނެ، ބޮލީވުޑްގެ މުސްލިމް ފިލްމީ އަންހެން ތަރިއެއް ކަމަށްވާ ޒާއިރާ ވަސީމް ބޮލީވުޑުން ވަކިވުމުން އިންޑިއާގެ އެތައް ބައެއްގެ ފާޑުކިއުން އޭނާއަށް އަމާޒުވެއްޖެއެވެ.

އުމުރުން 18 އަހަރުގެ ޒާއިރާ ވަސީމްއަށް ފާޑުކިޔަމުންދާ ފަރާތްތަކުގެ ތެރޭގައި ބޮލީވުޑްގެ ފިލްމީ ތަރިންނާއި، ޒާއިރާގެ ފޭނުންވެސް ހިމެނެއެވެ.

ބޮލީވުޑްގައި ޒާއިރާ އެންމެ މަޝްހޫރު ވެގެންދިޔައީ 2016 ވަނަ އަހަރު ނުކުތް އާމިރު ޚާންގެ ފިލްމް "ދަންގަލް" ގައި އޭނާ އަދާކުރި ރޯލުންނެވެ. އެ ފިލްމަކީ ރެސްލިން ތެޅުމުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޚާއްސަ ފިލްމެކެވެ.

ފިލްމުކުޅުން ހުއްޓާލާކަން ޒާއިރާ ވަސީމް އިޢްލާން ކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

"ފިލްމު ކުޅުމުގެ ދާއިރާގައި ވަރަށް ގިނަ ބައެއްގެ ލޯތްބާއި، ތާއީދާއި ތަރްހީބު ލިބުނު. އެއީ ކަށަވަރުކަމެއް. އެކަމަކު، ހަމަ އެއާއެކު އެ ދާއިރާ ވެގެންދިޔައީ ފަރުވާކުޑަކުރުމުގެ މަގަށް އަހަރެން ގެންދިޔަ ދާއިރާއަކަށް. އަހަރެންގެ އީމާންތެރިކަން ހަމަހިމޭންގޮތެއްގައި ދިޔައީ އަހަންނާ ދުރުވަމުން" ސޯޝަލް މީޑިއާ ޕްރޮފައިލްގައި ޒާއިރާ ކުރި ޕޯސްޓްތަކެއްގައި ބުނެފައި ވެއެވެ.

އޭނާ ބުނީ، ފިލްމު ކުޅުމުގައި އޭނާ އުޅެންޖެހުނު މާހައުލަކީ ދީނީ ކަންކަމަށް ހުރަސްއެޅޭ މާހައުލެއް ކަމަށެވެ. އޭގެ ސަބަބުން އިސްލާމްދީނާއި އޭނާއާ އޮތް ގުޅުން ނުރައްކަލަށް ހުރަހޮޅިގެން ދިޔަ ކަމަށްވެސް ޒާއިރާގެ ޕޯސްޓްތަކުގައި ބުނެފައި ވެއެވެ.

ޒާއިރާ ވަސީމްގެ މެނޭޖަރު ތޫހިން މިޝްރާވަނީ، އެ ޕޯސްޓްތަކަކީ ޒާއިރާ ހަމަހޭގައި ހުރެގެން ލިޔުނު ސައްހަ ޕޯސްޓްތަކެއްކަން ކަށަވަރު ކޮށްދީފައެވެ.

އިސްޓަގްރާމްގައި ޒާއިރާ ލިޔުނު ޕޯސްޓަށް އެކަނިވެސް ދެދުވަހުގެ ތެރޭގައި 27،000 މީހުން ކޮމެންޓްކުރިއެވެ.

ޒާއިރާ ވަސީމް އެންމެފަހުން ކުޅުނު ފިލްމަކީ 2017 ވަނަ އަހަރު ނުކުތް ޑްރާމާއެއް ކަމަށްވާ "ސީކްރެޓް ސުޕަރސްޓަރ" އެވެ. އެ ޑްރާމާގައި ޒާއިރާ ކުޅެފައިވަނީ ބައްޕަ ދެކޮޅުހަދާނެތީއާއި އަނިޔާކުރާނެތީ ބައްޕައަށް ވަގަށް ލަވަކިޔަމުންދިޔަ ފުރާއުމުރުގެ މުސްލިމް އަންހެން ކުއްޖެއްގެ ރޯލެވެ.

މިފިލްމުގައި ޒާއިރާ އަދާކުރި ރޯލަށް އޭނާއަށް އެތައް އެވޯޑެއްވެސް ލިބިފައި ވެއެވެ.