ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ކޮޅުމަޑުލު ވަންދޫ ކައުންސިލަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ކައުންސިލުގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރަން ކުރަންހުރި ކަންކަމާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ރިވެޓްމަންޓެއް ޖެހުމާއި، ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއިން ބޭނުންވާ ކަންކަން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަންދޫ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގެ ތެރެއިން އެންމެބޮޑަށް ބޭނުންވާ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްކޫލާއި ބެލެނިވެރިންނާ އަދި ކައުންސިލު ގުޅިގެން ސްކޫލު ކުދިންގެ ކިބައިގައި ރިވެތި އަޚްލާގު އަށަގެންނެވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތްކޮށްދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ ކުރައްވާފައެވެ.