އާޓިފިޗަލް ބީޗު ހުޅުވޭނެ ދުވަހަކީ މާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުން އިންތިޒާރުކުރާ ދުވަހެކެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ފެށި އާޓިފިޝަލް ބީޗް ތަރައްގީކުރުމުގެ މަޝްރޫއަކީ މި ނިމިދިޔަ ރޯދަމަހަށް ނިންމަން ހަވާލުކުރި މަސައްކަތެކެވެ. އެކަމަކު މިއަދާ ހަމައަށްވެސް އާޓިފިޝަލް ބީޗުގެ މަސައްކަތް ނިމިފައެއް ނުވެއެވެ.

ވީނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ، މިދިޔަ އަހަރުގެ މޭ މަހުގެ 18 ވަނަ ދުވަހު ރައީސް ޔާމީންގެ ސަރުކާރުގައި އެކުންފުންޏާ ހަވާލު ކުރި މި މަސައްކަތް 5 މަސް ދުވަހުގެ ތެރޭގާއި ނިންމަން ޖެހުނުނަމަވެސް އަދާހަމައަށްވެސް މަސައްކަތް ނިމިފައި ނުވަނީ ނިމިދިޔަ ސަރުކާރުން މި ޕްރޮޖެކްޓް ހަވާލުކޮށްފައިވާގޮތުން ކަމަށެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ހަމައެކަނި އެމްޓިސީސީއާއި ނޫން ކަމަށާއި މަސައްކަތްތައް އެކި ބައި ބަޔަށް ބަހާލައިގެން އެކި ކުންފުނިތަކާއި ހަވާލުކޮށްފައިވާ ކަމަށެވެ.

"ކުރީ ސަރުކާރުން އެމްޓީސީސީއާއި ޕްރޮޖެކްޓު ހަވާލުކޮށްފައި އޮތް ކަމުގައިވިޔަސް އޭރު އޮތީ ޕްރޮޖެކްޓު ނުހިނގާ، އެރު ހަވާލުކޮށްފައި އޮތޯ ސްޓެލްކޯއިން ބައެއް އެމްޓީސީސީން ބައެއް އެހެން ކުންފުންޏަކުންބައެއް، އެހެން ގޮސް ކުރިޔަށް ގެންދާ ގޮތަށް، އެހެންނަމަވެސް މިއަހަރު ތެރޭގައި މި ސަރުކާރުނ ވަނީ އެ މަސައްކަތް އެއްކޮށް އެމްޓީސީސީއާއި ހަވާލުކޮށްފަ" ޝާހު ވިދާޅުވިއެވެ.

އެހެންވީމާ ހުރިހާ ކުންފުނިތަކެއް ގުޅިގެން އެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ދަތިތަކެއް ކުރިމަތިވެ މަސައްކަތް އެއްކޮށް ފެށިފައި ނުވާ ކަމަށް ޝާހު ވިދާޅުވިއެވެ. ޝާހު ވިދާޅުވީ އާޓިފިޝަލް ބީޗުގެ މަސައްކަތް އެއްކޮށް އެމްޓީސީސީއާއި ހަވާލުކުރީ މި ސަރުކާރުން ގާތްގަނޑަކަށް މީގެ 3 މަސް ދުވަސް ކުރިން ކަމަށެވެ. އަދި އޭރުން ފެށިގެން އެމްޓީސީސީން ދަނީ މި ޕްރޮޖެކްޓުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރަމުން ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް ނިމިދިޔަ ސަރުކާރުން އާޓިފިޗަލް ބީޗް ހަދަން ނިންމާފައިވާ ޕްލޭނަކީ ރައްޔިތުން އެންމެ ބޭނުންވާ ފަދަ އާންމުންނާއި އެކުވެރި ޕްލޭނަކަށް ނުވުމުން އެޕްލޭނަށްވެސް އިތުރު ބަދަލުތަކެއް ގެންނަންޖެހުނު ކަމަށާއި އެ ބަދަލުތަކާއި އިތުރު ހަރަދުގެ ގޮތުގައި ގާތްގަނޑަކަށް 3 މިލިއަން ރުފިޔާ ޚަރަދުވެގެންދިޔަ ކަމަށް ޝާހު ވިދާޅުވިއެވެ.

"ޑިޒައިނަށް ފުދޭ ވަރަކަށް ބޮޑު ބަދަލުތަކެއް އައި، ކުރީގަ ހުންނާނެ ޑްރެއިނޭޖް ސިސްޓަމްވެސް މުޅިން އެހެން ގޮތަކަށް ދެން އެތަނުގައި ހަދާ ޖޯލިފަތިތަކާއި އުނދޯލިތަކަކީވެސް ކުރިން ޕްލޭނުގައި ނުވެސް ނެތް ތަކެތި، ދެން އެގެ މެޓީރިއަލްތައް ބަދަލުވުމާއި ގަސް އިންދާ ގޮތާއި މި ހުރިހާ ކަމަކީވެސް ހަމަ އައި ބަދަލުތައް" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ޕްރޮޖެކްޓަށް ބޮޑު ބަދަލުތަކެއް ގެނެސް މަސައްކަތް ފެށި ކަމުގައި ވިޔަސް އަދިވެސް ދަތިތަކަކާއި ކުރިމަތުވަމުންދާ ކަމަށެވެ. އެގޮތުން މަސައްކަތަށް ބޭނުންވާ ސާމާނު ހޯދަންވެސް ދަތިތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވިއެވެ. ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ތަކެތީގެ އިތުރަށް އެތަނުގައި އިންދާނެ ރުއްގަސް ހޯދުމަކީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ވިދާޅިވިއެވެ. މީގެ އިތުރަށް މި މަސައްކަތަށް ބޭރުން ގެންނަން ޖެހޭ ބައެއް ތަކެތި އަދިވެސް ލިބިފައި ނުވާ ކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މިއަހަރުގެ ތެރޭގައި މި ސަރުކާރުން މިޕްރޮޖެކްޓް އެއްކޮށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާއިރު އެކަން ނިންމަން އޮތީ ޖުލައި މަހުގެ 6 ވަނަ ދުވަހު ނިޔަލަށް ކަމަށެވެ. އެހެންނަމަވެސް ރޯދަމަހަށް ނިންމާލަން މަސައްކަތް ކުރީ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ.

އަދި އެކަން ނާކާމިޔާބުވުމުން ހިތާމާ ކުރައްވާ ކަމަށާއި ގިނަ ދުވަސްވެގެންދަނީ ޕްލޭނަށް ގެނައި ބަދަލުތަކުގެ ސަބަބުން ކަމަށެވެ. ޝާހު ވިދާޅުވީ މި ޖުލައި މަހުގެ ނިޔަލަށް އާޓިފިޗަލް ބީޗުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލާ އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.