ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ގެއްލުނު އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ފިލައިގެން އުޅުނު މައްސަލަ ބަލަމުންދާކަމަށާ ނަމަވެސް މިއަދުގެ މިވަގުތާއި ހަމައަށް މިމައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.

ވީނިއުސްއާ ވާހަކަ ދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ ޝައިމް ހޯދުމަށް، ފުލުހުން ކުރި މަސައްކަތުން އޭނާ މާލޭގެ ގެއެއްގެ ތެރޭގައި ހުއްޓައި ފެނުމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށް ގެނެސްފައިވާ ކަމަށާއި ޝައިމް ފިލައިގެން އުޅުނު މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް ފުލުހުން ބުނީ ޝައިމްގެ މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ.

މިވަގުތު ވެސް ޝައިމް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަން ފާހަގަ ކުރައްވާ މީޑިއާ އޮފިސަރު ވިދާޅުވީ، މިދިޔަ ދުވަސް ތަކުގެ ތެރޭގައި ބަޔަކު އޭނާ ފޮރުވައިގެން ގެންގުޅުނުކަން ފާހަގަކުރެވިއްޖެ ނަމަ އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ، ޝައިމްގެ މައްސަލައާއި ގުޅިގެން ފުލުހުން އެއްވެސް ބަޔަކާއި ސުވާލުކުރިކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އުމުރުން 14 އަހަރުގެ ޝައިމް އަބުދުﷲ، އަމާން ހިޔާގައި ހުއްޓައި ގެއްލުނު މައްސަލައިގައި ޖެންޑާ މިނިސްޓަރަށާއި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވި އިރު އެމައްސަލަ އެޗްއާރްސީއެމާއި، މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީންވެސް ވަނީ ބަލާފައެވެ.

ޝައިމް ގެއްލުމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެފައި ވަނީ، ޝައިމްއަކީ ކުށުގެވެށިން ގެނެސް އޭނާގެ އެސެސްމެންޓެއް ހެދުމަށް ބަހައްޓާފައިވާ ކުއްޖެއްކަމަށާއި އޭނާ ހިޔާއިން ފިލީ ކަމަށެވެ.

ކުޑަކުދިންގެ ހިޔާގައި ހުރި އުމުރުން 14 އަހަރުގެ ޝައިމް ޢަބްދުﷲ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހުސްވި ޖޫންމަހުގެ 18 ވަނަ ދުވަހުގައެވެ.