މަރުވެފައި އޮއްވާ، ރޭ ގދ. ރަތަފަންދޫ ހެލްތު ސެންޓަރަށް ގެންދިޔަ އަންހެން މީހާ މަރުވީ، ގުދުރަތީ މަރަކުންކަމަށް އޭނާގެ ހަށިގަނޑު ބެލި ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ ގދ ރަތަފަންދޫގައި ރޭ މަރުވި 44 އަހަރުގެ އަންހެނެއްގެ މަރުވި ގޮތާއިމެދު ޝައްކުކުރެވޭ ކަންތައްތައް ހުރުުމުން އެމަރުގެ މައްސަލަ ތަހުޤީޤު ކުރަންފަށާފައިވާކަން ކުރިން ހާމަކޮށްފައިވާތީ އެކަމާއި ގުޅޭގޮތުން ސުވާލު ދެންނެވުމުންނެވެ.

ފުލުހުން ބުނީ އެ މީހާގެ މަރުގައި އާދަޔާ ހިލާފު ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި އެއީ ގުދުރަތީ މަރެއް ކަމަށް ހަށިގަނޑު ބެލި ޑޮކްޓަރު ހާމަކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އަދި އަންހެން މީހާގެ ހަށިގަނޑު މިހާރު އާއިލާއާއި ހަވާލުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. މަރުވި މީހާ އާއި ގުޅޭ މައުލޫމާތު ސިއްޙީ މަރުކަޒުން ފުލުހުންނާއި ހިއްސާކޮށްފައި ވަނީ ރޭ މެންދަމުން އަލިވެ 2:44 ހާއިރުގައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ބައެއް މީޑިއާތަކުން ބުނީ ފުލުހުން އެ އަންހެން މީހާގެ މަރާއި ގުޅިގެން ތަހުގީގު ފެށީ އޭނާގެ މޭމަތީގައި ރަތް ކުލައިގެ ނިޝާނެއް ހުރުމުންކަމަށެވެ.

ވީނިއުސްއަށް އެނގިފައިވާ ގޮތުގައި އަންހެން މީހާއަކީ މީހަކާއި ކައިވެނިކޮށް ދަރިންވެސް ތިބި މީހެކެެވެ.