ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ އަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ސެމިއުލް އުމްޓިޓީ ވިއްކާލުމުގެ މަސައްކަތް އެ ކްލަބުން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އުމްޓިޓީ އަކީ ބާސާގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ހާއްސަކޮށް ބޮޑެތި މެޗުތަކުގައި އުމްޓިޓީ ދިޔައީ ގަވާއިދުން ބޭނުންކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ބޮޑެތި މެޗުތަކުގައި ބާސެލޯނާގެ ފަހަތް ބެލެހެއްޓުމުގައި އޭނާ ވަނީ މުހިއްމު ދަައުރެއް އަދާކޮށްފަ އެވެ. އަދި މެނޭޖްމަންޓުގެ އިތުބާރުވެސް ހޯދާފައިވެ އެވެ.

މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕަށްފަހު އުމްޓިޓީގެ އަނިޔާގެ މައްސަލަތައް ދިމާވުމުން ކުޅުމުގެ ފުރުސަތު އޭނާ އަށް ވަނީ ގެއްލިފަ އެވެ. އުމްޓިޓީ ފިޓުވިއިރު އެ މަގާމަށް ގެނައި ފްރާންސްގެ ލެންގްލެޓްގުގެ ފަރާތުން މިހާތަނަށް ފެނިގެންދަނީ އުއްމީދީ ކުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން ބާސެލޯނާ ކުޅޭ ގިނަ މެޗުތަކުގައި އެ ޓީމުން ބޭނުންކުރަނީ ލެންގްލެޓް އެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު އެއް ސެންޓާބެކް އުމްޓިޓީ އަށް މެންޗެސްޓާ ޔުނައިޓެޑުންނާއި ޔުވެންޓަސް އިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބާސެލޯނާއިން ހުރީ އެންމެ ގިނައިން ފައިސާ ހުށަހަޅާ ޓީމަކަށް އަވަހަށް އުމްޓިޓީ ދޫކޮށްލާ ގޮތަށެވެ.

ބާސެލޯނާއިން ދަނީ އެ ކުލަބް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ގިނަ ކުޅުންތެރިންތަކެއް ހޯދަމުންނެވެ. އެގޮތުން އެތްލެޓިކޯ މެޑްރިޑަށް ކުޅުނު ގްރިޒްމަން ވަރަށް އަވަހަށް ބާސެލޯނާއާއި ގުޅޭއިރު ނޭމާ ވެސް ބޮޑު އަގުގައި ސޮއިކުރާނެ ކަމަށް ބެލެވެ އެވެ.