އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކާޓޫނެއް ކުރެހި ކެނެޑާގެ ކުރެހުންތެރިއެއް ވަޒީފާއިން ވަކިކޮށްފި އެވެ.

މައިކަލް ޑި އެޑަރ އަކީ ކެނެޑާގެ ނޫހެއް ކަމަށްވާ ބްރަންސްވިކް ނިއުސް އިންކޯޕޮރޭޓެޑަށް ކާޓޫނު ކުރަހައިދޭ ފަންނާނެކެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެމެރިކާގެ ރައީސް ޓްރަމްޕް ގޮލްފް ކުޅޭ މަންޒަރު ދައްކުވައިދޭ ކާޓޫނެއް ކުރެހުމުގެ ސަބަބުން ކަމަށް އޭނާ ބުނެ އެވެ.

މި ކާޓޫނުގައި ފެންނަނީ ޓްރަމްޕް ގޮލްފް ކުޅެމުންދާ މަންޒަރެވެ. އަދި އޭނާގެ ފައިބުޑުގައި މަރުވެފައި އޮތް އަންހެނަކާއި ކުޑަ ކުއްޖެއް ކުރަހާފައި އޮވެ އެވެ. ކާޓޫނުގައި ޓްރަމްޕް ބުނާ ކަމަށް ސިފަކޮށްފައިވަނީ "އަހަރެން މިދިމާލުގައި ގޮލްފް ކުޅުނަސް ހެޔޮތަ؟" މިހެންނެވެ.

މަރުވެފައި އޮތް ދެ މީހުންނަކީ އޮސްކާ އެލްބަޓޯ މާޓީނޭޒްއާއި އޭނާގެ 23 މަހުގެ ކުޑަ އަންހެން ދަރިފުޅުގެ ސޫރަ ކަމަށް ގަބޫލުކުރެވެ އެވެ.

މާޓީނޭޒްއާއި އޭނާގެ ދަރިފުޅަކީ، ރިއޯ ގްރާންޑޭ ކޯރު ހުރަސްކޮށް އެމެރިކާއަށް ހިޖުރަކުރުމުގެ ނިޔަތުގައި މަސައްކަތް ކުރަނިކޮށް ގެނބިގެން މަރުވި ދެމައިންނެވެ.

ކާޓޫނުން ފެންނަ މަރުވެފައިވާ ދެ މީހުންގެ ހަށިގަނޑަކީ މާޓީނޭޒްއާއި އޭނާގެ ދަރިފުޅުގެ ހަށިގަނޑުގެ ސޫރަ ކަމަށް ގަބޫލުކުރެވެނީ އެ ދެމައިން މަރުވެފައި އޮތް މަންޒަރު ދައްކުވައިދޭ ފޮޓޯއަކާއި ވައްތަރުވުމުގެ ސަބަބުންނެވެ.