ކަންކަމުގެ ނުރައްކަލާއި ވޭން ބުނެދީ އިންޒާރުކުރުމަށް ދިވެހިންގެ ތެރޭގައި އާއްމުކޮށް ބޭނުންކުރެވޭ ހަރުބަހެެއް އޮވެއެވެ. ފެތުނު އޮޑީގެ ރިޔާދަށުވިޔަސް ކަނަކުގެ އަތްދަށު ނުވާށެވެ.

އޮޑިއެެއް ފެތިފައި އޮންނައިރު އޭގެ ރިޔާ އޮންނާނީ ވަރަށް ފުޅާ ސަރަހައްދަކަށް ފެތުރިފައެވެ. އޭގެ ދަށުގައި ވެއްޖެނަމަ ކޮންމެ ދިމާލަކުން ބޯހިއްލާލިޔަސް މަތީގައި އޮންނަނީ ރިޔަލެވެ. ސަލާމަތެއް ނުވެވެއެވެ. އެއީ ވަރަށް ހާސްވެ ތެޅިފޮޅެންޖެހޭ ވަގުތެކެވެ. އެއަށްވުރެވެސް ނުރައްކާތެރިކަން ބޮޑީ ކަނު މީހަކަށް ގޯނާކޮށްފައި އޭނާގެ އަތްދަށުވުމެވެ. ދެވޭ އަނިޔާއާއި އޮހޮރޭ ލޭ އެމީހަކަށް ނުފެންނާނެއެވެ. އެހެންވީމާ ތަޅާނީއެވެ. މަރުވިޔަސް ތަޅާނީއެވެ.

މާލޭގައި ދިރިއުޅޭ މީހުންނަށް މި މިސާލު އެންމެ ފަސޭހައިން މިހާރު ބޮލަށް ވަންނާނެ ކަމަށް ފެންނަނީ އިބާރާތަށް ޒަމާނާ ގުޅޭ ކޮންމެވެސް ބަދަލެއް ގެނެސްގެންނެވެ. އަޅުގަޑުގެ އަމިއްލަ ތަޖުރިބާތަކަށް ރިއާޔަތްކުރާއިރު އެބަދަލަކީ މިއެވެ. ފެތުނު އޮޑީގެ ރިޔާދަށުވިޔަސް ފެންލޯރީގެ ފަހަތުން ޓްރެފިކްގައި ނުޖެހޭށެވެ. ފެންލޯރީގެ ފަހަތުން ޓްރެފިކްގައި ތާށިވުމަކީ އެހާވެސް ބޮޑު ވޭނެކެވެ.

ފެންލޯރިއޭ މިކިޔަނީ އެކި ފިހާރަތަކަށް ފެންކޭސް ބާލަމުން ސަޕްލައި ކުރަމުން މާލެތެރޭގައި ދުއްވާ ލޯރިލޯރިއަށެވެ. ހަނިމަގުމަގާއި ގޯޅިތަކުން މިލޯރި ދާނީ ކޮންމެ ފިހާރައެއްގެ ކުރިމައްޗަށް މަޑުކޮށް އެފިހާރަޔަކަށް ކޭހެއް ދެކޭހެއް ނުވަތަ އެޔަށްވުރެވެސް ގިނައިން ބައިލައިފައެވެ. ޖެހިޖެހިގެން ފިހާރަތައް ހުންނައިރު ކޮންމެ މަގެއްގައިވެސް މިލޯރި ބައިގަޑި ނުވަތަ އެއަށްވުރެވެސް ގިނަ ވަގުތު ހޭދަވެދާނެއެވެ. ދެން ލޯރީގެ ފަހަތުން މަގު ބަންދުވީއެވެ. ޓްރެފިކް ތޮއްޖެހުނީއެވެ.

މިއެއްޗެއްގެ ކުރިއަރައިގެން ސައިކަލަކަސް ބައިސިކަލަކަސް އަދި އެހެން އެއްޗަކަސް ނުދެވޭނެއެވެ. އަދިކިޔެއްތަ ހިނގައިފައިދާ މީހަކަށްވެސް ނުދެވޭނެއެވެ. މިގޮތަށް މަގު ބަންދުވިޔަސް ލޯރީގައި ހުރެގެން ފެން ބައިލާ ކުއްޖާއަށް އަދި ބިންމަތީގައި ހުރެގެން އެކޭސްތައް ބަހައްޓާ ކުއްޖާއަށް ކަހިރުވަކެކޭވެސް ހީނުވާނެއެވެ. ހަމަ އާދައިގެ ލަސް ހަރަކާތެއްގައި އެކުރާކަމެއްކޮށް ނިމޭނީއެވެ.

އެވަގުތު ތޮއްޖެހިފައިވާ ޓްރެފިކުގައި ހުރިހާ ވައްތަރެއްގެ މީހުންވެސް ތިބޭނެއެވެ. ލަސްވެގެން އޮފީހަށްދާ މީހުންނާއި ސްކޫލްދޮށަށް ގަޑިޔަށް ކުދިން ގެންދާ މީހުންނެވެ. ހާޖަތަކަށްދާންވެގެން ގެޔަށް ދެވޭތޯ އަވަސްވެގަނެގެން ތިބޭ މީހުންނެވެ. އެކަމަކު ކީއްކުރާނީތޯއެވެ. ގަޔަށް ދެވުނަސް ގަޑިޖެހުނަސް އަދި އެހެންކަމެއް ވިޔަސް މިލޯރިޔަކުން ނެއްޓިގަނެގެން ދެވޭނޭ ހަމައެއްގޮތެއްވެސް ނޯވެއެވެ. އެހެންވީމާ މިއީ ކުޑަ ވޭނަކަށް ނުވާނެތާއެވެ.

ފެންލޯރިވެސް ދުއްވާންވާނެއެވެ. ކުނިލޯރިވެސް ދުއްވާންވާނެއެވެ. އެހެން އެއްޗެހިވެސް ދުއްވާންވާނެއެވެ. މަގުހިނގުންވެސް އޮންނާންވާނެއެވެ. އެކަމަކު މާލެއަކީ މާލެއެވެ. މަގުތަކާއި ގޯޅިތަކުގެ ހަނިކަމާއި އުޅަނދުތަކުގެ ގިނަކަމާއި ޕާކިންގެ އުނދަގޫ ބޮޑުކަމާއި މީސްގިނަކަމާއި މިހިރަމިހިރަ ވާހަކަތަކަކީ އާވާހަކަތަކެއް ނޫނެވެ. ފެންލޯރިވެސް އެދުއްވަނީ ކުރާހިތުން ބަޔަކު އުފަލަކަށް ކުރާކަމެއްގެ ގޮތުގައެއް ނޫނެވެ. ރައްޔިތުންނަށް ބޯފެން ފޯރުކޮށްދޭން ޖެހެއެވެ. އެކަމަށްޓަކައި ފިހާރަތަކަށް ފެން ސަޕްލައިކޮށްދޭން ޖެހެއެވެ. އެކަން ނުކޮށް ފަރުޖެއްސޭނެ ގޮތެއް ނެތެވެ.

އެހެންވީމާ ހައްލަކީ ކޮބައިތޯއެވެ. މިހާރު އެކަންކުރާ ބީދައިން އެންމެ ބާރުބޮޑުވާ ރަސްމީ ގަޑިގަޑީގައި ލޯރިތައް ނެރެގެން ބަލަހައްޓައިގެން ތިބޭންވީތޯއެވެ. ނޫނީ ގަޑިތަކަށް ކުޑަބަދަލެއްވިޔަސް ގެނެސްގެން މަގުތަކަށް ލުޔެެއްދެވޭތޯ ބަލަންވީތޯއެވެ. އަޅުގަޑަކަށް ހައްލު ބުނެދޭކަށް ނޭނގެއެވެ. އަޅުގަޑަށް އެނގެނީ އަޅާ ވޭނާއި ފޯރާ ތުރާތައް ކިޔައިދޭށެވެ. ހަމަގައިމުވެސް މާވެޔޮމަގާއި ކާމިނީމަގުގައި އެދުއްވާ ފެންލޯރިޔާއި ކުނިލޯރިޔާހެދި ލައްކަ ގިނަ ތުރާތައް ކޮންމެދުވަހަކުވެސް އަޅުގަޑު އެބަ ތަޖުރިބާކުރަމެވެ.

ދެން މިވާހަކަ ލިޔުނީމާ ޖަވާބު ލިބުން އެކަށީގެންވެއެވެ. އުފަންވި ރަށް އެއޮތީއެވެ. ދާށެވެ. މައްސަލައެއް ނެތެވެ. ހިނގައިދާނަމެވެ. އެކަމަކު މިއީ ތުރާލަކަށް ވެގެން މިކަން އިހުސާސްކުރާ އެންމެން މިކަމުން މިންޖުވުމަށް ވިހޭ ރަށަށް ދާނެ ބާވައެވެ. ހައްލަކީ އެއީ ބާވައެވެ.