ޗައިނާގެ ރަށެއް ކަމަށްވާ ޝިންޖިއާންއަށް ދަތުރުކުރާ ފަރާތްތަކުގެ ފޯނުތައް ބަލައި ފާސްކުރަމުންދާ ކަމަށް ދުނިިޔޭގެ ނަން ހިނގާ ބައެއް ނޫސްތަކުން ބުނެފި އެވެ.

ޗައިނާގެ އިމިގްރޭޝަން އޮފިޝަލުން، ޝިންޖިއާންއަށް ދަތުރުކުރާ ހުރިހާ ފަތުރުވެރިންގެ ފޯނުތައް އަތުލައި، އެތަކެތީގައިވާ މައުލޫމާތު ފާސްކުރަމުންދާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. އިިމިގްރޭޝަން އޮފިޝަލުން މިކަން ކުރަނީ ފަތުރުވެރިންގެ ފޯނުތައް އަތުލައި، އެއަށް ވަކި ޚާއްސަ އެޕްލިކޭޝަނެއް އިންސްޓޯލް ކޮށްގެން ނުވަތަ އަޅައިގެންނެވެ.

މިއީ ތެދަކަށްވާނަމަ މިކަން ވެގެންދާނީ މުސްލިމުންނަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރަމުންދާ ޝިންޖިއާންގައި ދިރިއުޅޭ މީހުންނާއި އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކުރިމަތި ކުރުވާ އިތުރު ފިއްތުމަކަށެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ލަފާކުރާ ގޮތުގައި ޝިންޖިއާންގެ ޖަލުތަކުގައި މިހާރުވެސް ދެ މިލިއަނަށް ވުރެ ގިނަ މުސްލިމުން ބަންދުކޮށްފައި އެބަތިއްބެވެ.

ގިނަ އަދަދެއްގެ ފުލުހުންނާއި ގިނަ އަދަދެއްގެ ސެކިއުރިޓީ ކެމެރާތައް ޝިންޖިއާންގައި ފެނުމަކީ އާންމު މަންޒަރެކެވެ. 2017 ވަނަ އަހަރުން ފެށިގެން ޗައިނާގެ ސަރުކާރުންދަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ޑީއެންއޭ އަދި ބަޔޯމެޓްރިކް މައުލޫމާތު އެއްކުރަމުންނެވެ.

ޗައިނާއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ފޯނުތަކަށް ވަކި ޚާއްސަ އެޕްލިކޭޝަނެއް އަޅައި، އެ އެޕްލިކޭޝަން މެދުވެރިކޮށް ފޯނުތަކުގައިވާ މައުލޫމާތު ފާސްކުރަމުންދާ ކަމަށް ރިޕޯޓްކޮށްފައިވާ ދުނިޔޭގެ ބޮޑެތި ނޫސްތަކުގެ ތެރޭގައި ގާޑިއަން، ނިއު ޔޯކް ޓައިމްސް، މަދަބޯޑް، އަދި ޖަރުމަނު ވިލާތުގެ ނޫހަކާއި ޓީވީ ސްޓޭޝަން އެންޑީއާރް ހިމެނެ އެވެ.

މިކަމާ ބެހޭގޮތުން ސުވާލު ކުރުމުން ޗައިނާގެ ޚާރިޖީ ވުޒާރާއިން ދީފައިވާ ޖަވާބަކީ "ތިފަދަ މައުލޫމާތެއް، ނުވަތަ ތިފަދަ އެޕްލިކޭޝަނެއްގެ އެއްވެސް މައުލޫމާތެއް ނުދެނަހުރި" ކަމަށެވެ.

ނޫސްތަކުން ތުހުމަތުކުރާ ގޮތުގައި ޗައިނާގެ އިމިގްރޭޝަން އޮފިޝަލުން ފަތުރުވެރިންގެ ފޯނުތައް ބަލައި ފާސްކުރަމުންދަނީ ގަދަ ބާރުންނެވެ. އަދި އަޅާ އެޕްލިކޭޝަން މެދުވެރިކޮށް ފާސްކުރާ ތަކެތީގެ ތެރޭގައި އެސްއެމްއެސް މެސެޖުތަކާއި، ކޯލް ރެކޯޑްތަކާއި، ކޮންޓެކްސްޓްތަކާއި، ކަލަންޑަރުވެސް ހިމެނޭ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

މީގެ އިތުރުން އިސްލާމް ދީނާއި ގުޅުންހުރި މައުލޫމާތު ފޯނުތަކުގައި ހިމެނޭކަން އެ އެޕްލިކޭޝަން މެދުވެރިކޮށް ފާސްކުރާ ކަމަށް ބުނެފައިވެ އެވެ. މީގެ ތެރޭގައި އަރަބި ބަހުގެ ޑިކްޝަނަރީއެއްގައި ހިމެނޭ ލަފުޒުތައް ހިމެނޭތޯވެސް ބަލަ އެވެ. މި އެޕްލިކޭޝަން ގަދަ ބާރުން އަޅާފައިވަނީ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރާ ފޯނުތަކަށެވެ. އަދި އެޕަލްގެ ފޯނުތަކުގައިވާ މައުލޫމާތު ފާސްކުރަނީ ޔޫއެސްބީ ކޭބަލްއެއް މެދުވެރިކޮށް ފޯނާއި ވަކި ވައްތަރެއްގެ "ޑިވައިސް"އެއް ގުޅައިގެން ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ.