ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދަށް މިއަދުން ފެށިގެން އަމަލުކުރަންފަށައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއު ކޮށްފައިވާ ގަވައިދަށް އަމަލުކުރަން ފެށުމުން ފަތުރުވެރިކަން ތަރައްގީކުރުމަށް އިންވެސްޓަރުންނަށް ހެޔޮ ގޮތްތަކެއް ފަހިކޮށްދެވިގެންދާނެ ކަމަށާއި، ފަތުރުވެރިކަން ކުރިއެރުވުމަށް އެމީހުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ގަވައިދަށް އަމަލުކުރަން ފެށުމުގެ ސަބަބުން ރައްޔިތުންގެ އުންމީދުތަކަށްވެސް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާގޮތުން މި ގަވައިދު އެކުލަވާލުމުގެ މަގްސަދަކީ ތަރައްގީކޮށް ނިމިފައި ނުވާތަންތަން އަވަހަށް ތަރައްގީކޮށް ނިންމުމަށް ލުއި ގޮތެއް ހަމަޖައްސައިދިނުމަށާއި، އަދި އެފަރާތްތަކަށް އަވަހަށް މިމަސައްކަތްތައް ނިންމުމަށް ހިތްވަރުދިނުމުގެ ގޮތުން ކަަމަށް އެމިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މިފަދަ މަޝްރޫއުތަކުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވައި މި ބަޔާނުގައި ބުނެފައިވަނީ މިފަދަ މަޝްރޫއުތަކަށް މަޑުޖެހުމެއް ނައިސް ކުރިއަށް ގެންދިއުމަށް ސަރުކާރުން ދެވެންހުރި އެހީއެއްދިނުމަކީ މުހިއްމު ކަމެއް ކަމަށް މި ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.

އަދި ފަތުރުވެރިކަމުގެ ދާއިރާގައި މިފަދަ މަޝްރޫއުތައް އިތުރުވި މިންވަރަކަށް ވަޒީފާގެ ފުރުސަތުތައްވެސް އިތުރުވެގެންދާނެ ކަމަށްވެސް މި ބަޔަނުގައި ބުނެފައިވެއެވެ.