މިއަހަރުގެ މިނިވަންދުވަހުގެ ހަރަކާތްތައް ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ބޭއްވުމަށް ނިންމާފައިވާއިރު ގަލޮޅު ދަނޑު އޮތް ހާލަތު ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަން ހޯމް މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެންނަވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ގަލޮޅު ދަނޑު އޮތް ހާލަތު ރައީސް ސޯލިހުގެ ސަމާލުކަމަށް އަތުވެއްޖެ ކަމަށް އެމަނިކުފާނު މިއަދު ފާހަކުރެއްވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގައުމީ ފުޓްބޯޅަ ދަނޑުގައި 2015 ވަނަ އަހަރުގެ މިނިވަންދުވަހުގެ ހަރަކާތްތައް ބޭއްވުމާ ގުޅިގެން ދަނޑުގެ ވިނަގަނޑު ވަނީ އެއްކޮށް ކަހަލަ ގޮތަކަށް މަރުވެފައެވެ. އެހެންކަމުން އެފްއޭއެމުން އިންތިޒާމްކޮށްގެން އެއަހަރު ކުރިއަށް ގެންދިޔަ ގިނަ މުބާރާތްތައް ވަނީ ފަސްކުރަން ޖެހިފައެވެ. އެފަހަރު ވިނަގަނޑު މަރުވީ ޓާފް ޕްރޮޓެކްޓާއެއް ވިނަތަކު މަތީގައި އެޅުމުންނެވެ. އަދި ފުޓްބޯޅައިގެ އާއިލާގެ ގިނަ ބައެއްގެ ފާޑުކިޔުންތައް އޭރު ސަރުކާރަށާއި އެފްއޭއެމްއަށް ވަނީ ވަރަށް ބޮޑަށް އަމާޒު ވެފައެވެ. އަދި ފުރަތަމަ ޑިވިޝަންގައި ކުޅޭ ގިނަ ކުޅުންތެރިން ވެސް ވަނީ އެކަމާ ދެކޮޅަށް އެދުވަސްވަރު އަޑުއުފުލާފައެވެ. މިއަހަރުވެސް ދަނޑުގައި މިނިވަންދުވަހުގެ ހަރަކާތްތައް ބާއްވަން ނިންމާފައި ވުމުން ގިނަ ބަޔަކު މިހާރުވެސް ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.