ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މޫސާ އަވަހާރަވުމާގުޅިގެން، 5 ޖުލައި 2019 އިން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމައިފިއެވެ.

ޑީޖޭއޭއިން ބުނީ ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މޫސާ އަވަހާރަވުމާގުޅިގެން، ކުރިއަށް އޮތް ތިން ދުވަހު ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ނިންމަވާފައިވާކަމަށެވެ.

1990 ވަނަ އަހަރުން ފެށިގެން 29 އަހަރާއި 5 މަސްދުވަހު ފަނޑިޔާރު ކަމުގެ މަޤާމުގައި ޚިދުމަތްކުރައްވާފައިވާ، އައުސްތާޛު މުޙައްމަދު މޫސާ އަކީ ކެއްތެެރިކަމާއި މުރާލިކަމާއެކު ޝަރުޢީ ދާއިރާއަށް ޚިދުމަތް ކުރެއްވި ބޭފުޅެއްކަމަށް ޑީޖޭއޭއިން ބުނެއެވެ.

އަލްއުސްތާޛް މުހައްމަދު މޫސާއަކީ، 1984ވަނަ އަހަރުން ފެށިގެން ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދެވި ހީވާގި މުވައްޒަފެކެވެ. ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި އޭނާވަނީ، ފުލުސް ކޯޓުގެ ކާތިބުކަމާއި ކަނދޮޅުދޫ ކަތީބު ކަންފަދަ ޒިންމާދާރު މަޤާމުތައް އަދާކުރައްވާފައެވެ. އަދި އަލްއުސްތާޛް މުޙަމަދު މޫސާ ވަނީ، 1990 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުކަމުގައި 29 އަހަރާއި 5 މަސްދުވަހު ޚިދްމަތްކުރައްވާފައެވެ.

އެމަނިކުފާނު އަވަހާރަވީއިރު، އަނބިކަނބަލަކާއި ދެބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

އަލްއުސްތާޛު މުޙައްމަދު މޫސާގެ މައްޗަށް ކުރެވޭ ކަށުނަމާދު ކުރުން އޮތީ މިއަދުގެ މަޣްރިބް ނަމާދަށްފަހު ހުޅުމާލޭ ވަގުތީ މިސްކިތުގައެވެ.