ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ މޮޅުވުމުގެ ސިލްސިލާއަށް ނިމުން ގެނެސް، ކްލަބު ގްރީން ސްޓްރީޓްސްއިން ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ދަ ގްރާންޑޭގެ މައްޗަށް ގްރީންއިން ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. މިއީ މޮޅުވުމުގެ ރެކޯޑަކާއެކު އައި ދަ ގްރާންޑޭ ބަލިވި ފުރަތަމަ މެޗެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ކުރީކޮޅޫ ދަ ގްރާންޑޭއިން ރަނގޅު ކުޅުމެއް ދެއްކި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރީންއިން ވަނީ ލީޑު ނަގާފައެވެ.

މެޗުގެ 37 ވަނަ މިނެޓުގައިމިޑްފީލްޑަރު އަބްދުﷲ މިސްބާހު ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލަށް ވަނީ ދަ ގްރާންޑޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލްގެ ގޯހަކުންނެވެ.

މެޗުގައި ގްރީންއިން ލީޑު ފުޅާކުރީ 67 ވަނަ މިނެޓުގައެވެ. އަލީ އަޝްފާގު (ދަގަނޑޭ) ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލުވެސް ޖެހީ ފުރަތަމަ ގޯލުވެސް ޖެހި މިސްބާހުއެވެ. ގްރީން ސްޓްރީޓްސްގެ ތިންވަނަ ގޯލް މެޗުގެ 85 ވަނަ މިނެޓުގައި ޕެނަލްޓީ އަކުން ޖެހީ ދަގަނޑޭ އެވެ. މި ޕެނަލްޓީ އެޓީމަށް ލިބުނީ އޭރިއާ ތެރެއިން ގްރީންގެ ރިޒުހާންއަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

މެޗަށްފަހު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒެއިން ބުނީ ޕްރެޝަރެއްނެތި ދަ ގްރާންޑޭއިން ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނު ކަމަށާއި، އެކަމަކު ފުރަތަމަ ގޯލާއެކި ގްރީންއަށް ފަސޭހަތަކެއް ވެގެންދިޔަ ކަމަށެވެ. އަދި ޓީމުގައި ހައްލުކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި، މި ލިބުނު ބްރޭކުގައި އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މެޗު ފަށައިގެން އެޓީމުން ރަނގަޅަށް ކުޅުނު ނަމަވެސް، ދެގޯލު ވަނުމުން ކުޅުންތެރިންގެ ޓެކްޓިކަލް ޑިސިޕްލިން ގޯސްވެގެންދިޔަ ކަމަށެވެ.

މި ފަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ މިރޭގެ މެޗުން ބަލިވި ނަމަވެސް، ލީގުގެ އެއްވަނައިގައި އެޓީމު އޮތީ 5 މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް މާޒިޔާއަށް 4 މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. އަދި 4 މެޗުން ލިބުނު 5 ޕޮއިންޓާއެކު ގްރީން ސްޓްރީޓްސް އޮތީ ފަސްވަނައިގަ އެވެ.