އަވަހާރަކޮށްލާފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ވީނުވީއެއްނޭންގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގައި ވަރަށް ތަފްސީލީ ރިޕޯޓެއް ލިބިވަޑައިގެންފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ރައީސް ސޯލިހް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނާއި މަރުތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން މުހިންމު މައުލޫމާތުތަކެއް އެމަނިކުފާނާއި ހިއްސާކޮށްފައިވާކަމަށެވެ.

އެގޮތުން މަރުތައް ބަލާ ކޮމިޝަނުން އަވަހާރަކޮށްލާފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ވީނުވީއެއްނޭންގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގައި ވަރަށް ތަފްސީލީ ރިޕޯޓެއް ހިއްސާކުރައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެ ރިޕޯޓްގެ މާބޮޑު ތަފްސީލެއް ނުދެއްވާ ރައީސް ވިދާޅުވީ އެ މައުލޫމާތުތައް އާންމު ނުކޮށް އަދިވެސް މަޑުކުރައްވަނީ ދިރާސާތަކެއް ކުރައްވަންޖެހޭތީކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުންވެސް އެމްއެމްޕީއާރްސީގެ މައްސަލައިގައި ރިޕޯޓެއް ހިއްސާކޮށްފައިވާކަމަށެވެ.

ރައީސް ވިދާޅުވީ ކޮމިޝަންތަކަށް މިހާތަނަށް މަސައްކަތްކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަމަށާ އޭސީސީ އަލުން އެކުލަވާލުމުން ވެސް ރަނގަޅު ނަތީޖާތަކެއް ލިބޭނެކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބް ރާއްޖެއިން ބޭރަށް ފޮނުއްވުމާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ.

ރައީސް ވިދާޅުވީ އަދީބު މިސަރުކާރުން މިނިވަނެއް ނުކުރާކަމަށާ އަދީބަށް ކުރި ކަމެއް ކުރީ ކޯޓުތަކުންކަމަށެވެ. އަދި ސަރުކާރުން އަދީބަށް ކޮށްދިނީ ބޭސް ފަރުވާއާއި ގުޅިގެން ކުރަންޖެހޭކަންކަމަށާ އަދީބްގެ މައްސަލައެއް ޝަރީއަތަށް ފޮނުވަންޖެހޭނަމަ އެކަން ކުރައްވާނެކަމަށެވެ.

ރައީސް ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއްކަމަށާ އެ މައްސަލައިގެ ތަހުގީގު ނުހުއްޓި ބާރަށް ކުރިއަށްދާކަމަށެވެ.