ސަރުކާރު ބަދަލުވެ ވެރިކަން ލިބިވަޑައިގެންފިނަމަ މި ސަރުކާރުން ހަދާފައިވާ ހުރިހާ އެއްބަސްވުންތަކެއް އެފުށް މިފުށަށް ޖައްސަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޒިންމާދާރު ކަމެއް ނެތި އެއްބަސްވުންތައް އެފުށް މިފުށަށް ޖެހުމުން ދައުލަތަށް ލިބުނު މާލީ ގެއްލުން އެތައް ބިލިއަނަކަށް އަރާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ލިބޭ ގެއްލުމަށް ބަލާލުމެއް ނެތި އަނެއްކާވެސް އެއްބަސްވުންތައް އެފުށް މިފުށަށް ޖަހަން ރައީސް ޔާމީން ވިދާޅުވުމަކީ އެމަނިކުފާނަށް ރައްޔިތުން ވެރިކަން ނުދޭނެ އެއް ސަބަބު ކަމަށެެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއާ ގާތްގުޅުންތަކެއް އުފައްދާފައިވާތީ އެކަމަށް ފާޑު ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއަށް ދަރާފައިވާ 4.2 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ދައްކަން ދައުލަތަށް ނުކުޅެދުނީމާ ދެން އެދޭނީ މަޝްރޫއުތަކުގެ ހިއްސާ ދިނުމަށް ކަމަށެވެ. ހިއްސާއާއި އެކު ގެއްލޭނީ ބިމާއި އެކު ރާއްޖޭގެ މިނިވަންކަން ކަމުގައިވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.