ބާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވުމަށް ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު ފޯމް ހުށަހަޅުއްވައިފިއެވެ.

ބާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވުމަށް، ސުއޫދު ފޯމް ހުށައެޅުއްވީ މިއަދުގެ ވަގުތެއްގަައެވެ. ސުއޫދުގެ ފޯމާއި އިލެކްޝަންސް ކޮމިޝަނުން ހަވާލްވެވަޑައިގެންނެވީ އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަމްޖަދު މުސްތަފާއެވެ.

ނޫނީ ވަކީލުންގެ މަސައްކަތްތައް ރެގިއުލޭޓް ކުރުމަށް ރާއްޖޭގައި އުފައްދާ ފުރަތަމަ ބާ ކައުންސިލުގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާނެ ކަމުގައި މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދުވެސް ވަނީ ވިދާޅުވެފައެވެ.

އަދި ބާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވުމަށް ވަރަށް އަވަހަށް އޭނާގެ ފޯމް ހުށަހަޅުއްވާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

އެހެންކަމުން މި އިންތިޚާބުގެ ވާދަވެރިކަން ވަރަށް ބޮޑުވާނެކަމަށް ވަނީ ބެލެވިފައެވެ.

ބާ ކައުންސިލްގެ ނައިބް ރައީސް ކަމަށް ކުރިމަތިލެއްވުމަށް ކުރީގެ ބަންޑާރަނައިބް އަބްދުﷲ މުއިއްޒު ވަނީ ނިންމަވާފަ އެވެ.

ބާ ކައުންސިލުގެ އިންތިހާބު މިމަހުގެ 13 ވަނަ ދުވަހު ބާއްވާ ނިންމާ، އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.

ބާ ކައުންސިލްގެ އިންތިހާބުގައި 1487 ވަކީލަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު ވަކީލުންގެ ލިސްޓް ހާމަކޮށް މިހާރު ވަނީ ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފަ އެވެ.

ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލަށް އިންތިހާބު ކުރާ މަގާމުތަކަކީ ރައީސް، ނައިބު ރައީސް، ގާނޫނީ ވަކީލުންގެ ތެރެއިން ހިންގާ ކޮމިޓީގެ ހަ މެންބަރުންނެވެ. ބާ ކައުންސިލްގައި ބަންޑާނައިބް ވެސް އިންނަވަ އެވެ.

ބާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލުމަށް މާލޭގައި ދެ ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު އިންތިހާބުގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރުމަށް ހަތަރު ދުވަހުގެ ފުރުސަތެއް ދިނުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.