އަންހެނުންގެ އަޑުއިއްވައި، އަންހެނުންނާ ގުޅޭ ސިޔާސަތުތައް އެކުލަވައިލުމަށް އަންހެނުންގެ ބައިވެރިވުން ހޯދެން އޮތީ ދިވެހިރާއްޖެއަށް ކޯޓާގެ ނިޒާމު ތައާރަފު ކުރެވިގެންކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު މިހާރަށްވުރެ ފުޅާކުރުމަށް މަޖިލީހުގައި އަންހެން ބޭފުޅުންނަށް ވަކި ކޯޓާއެއް ހަމަޖެއްސުމަށް އިލެކްޝަންސް ކޮމިޝަނުން ތާއީދުކުރާ ކަމަށް އެ ކޮމިޝަނުން ބުނުމާއި ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަންގެ އިސްނެންގެވުމަށް މަރުހަބާ ވިދާޅުވަމުން، މިނިސްޓަރު ޝިދާތާ ވިދާޅުވީ އަންހެނުންގެ އަޑުއިއްވައި، އަންހެނުންނާ ގުޅޭ ސިޔާސަތުތައް އެކުލަވައިލުމަށް އަންހެނުންގެ ބައިވެރިވުން ހޯދެން އޮތީ ދިވެހިރާއްޖެއަށް ކޯޓާގެ ނިޒާމު ތައާރަފު ކުރެވިގެންކަމަށެވެ.

ސިޔާސީ ދާއިރާގައި އަންހެނުން އިތުރަށް ބާރުވެރިކުރުވުމަށްޓަކައި ގާނޫނަށް އިސްލާހު ގެނެސްގެންވިޔަސް، ސިޔާސީ ޕާޓީތަކުގެ ކައުންސިލާއި ލީޑާރޝިޕްގެ 30 އިންސައްތަ އަންހެނުންނަށް ޚާއްސަކުރަންޖެހޭކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ސިޔާސީ ހަރަކާތްތެރިވާ އަންހެނުންގެ ނިސްބަތް ގިނަ ނަމަވެސް، ބާރުވެރި މަގާމުތަކުގައި ތިއްބެވި އަންހެނުންގެ އަދަދު ވަރަށް މަދުކަން ފާހަގަކޮށްލެއެވެ.

ނިމިގެންދިޔަ މަޖިލީސް އިންތިޚާބުގައި 85 މެންބަރުންގެ ތެރޭގައި ހިމެނުނީ އެންމެ 5 މެންބަރުންނެވެ. 19ވަނަ މަޖިލީހުގައި ތިއްބެވީ އެންމެ 4 މެންބަރުންނެވެ.

މަޖިލީސް އިންތިޚާބާއި، ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ގިނަ އަންހެން ބޭފުޅުންނަށް އިންތިޚާބުގައި ކާމިޔާބުލިބިވަޑައިގަންނަވާގޮތް ނުވެއެވެ. އެހެންކަމުން މަޖިލީހާއި، ކައުންސިލްތަކުގައިވެސް އަންހެނުންނަށް ވަކި އަދަދެއްގެ ގޮނޑިތައް ޚާއްސަކުރުމަށް ބައެއް ފަރާތްތަކުން ދަނީ ބާރުއަޅަމުންނެވެ.

މީގެ އިތުރުން ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުގެ ލީޑާރޝިޕްގައިވެސް އަންހެން ބޭފުޅުން ހިމެނޭ ނިސްބަތް ނިސްބަތުން ވަަރަށް މަދެވެ. ނަމަވެސް ޕާޓީތަކުން ކުރިއަށް ގެންދާ މަގުމަތީ ހަރަކާތްތަކާއި، އެއްވުންތަކާއި މުޒާހަރާތަކުގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެއެވެ. އެހެންކަމުން އަންހެނުންނަކީ ހަމައެކަނި މުޒާހަރާކުރަން ނުވަތަ މަގުމަތީ އެއްވުންތަކަށް ޚާއްސަ ބަޔަކަށް ނުހެދުމަށް ސިޔާސީ މައިދާނުގައި އިސްކޮށް ހަރަކާތްތެރިވާ އަންހެނުން ބޭފުޅުން ގެންދަވަނީ ގޮވާލައްވަމުންނެވެ.