ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫގު އުފައްދާ ވެބްސީރީޒް "އެހެނަސް" ބެލުންތެރިންނަށް ފެންނަން ދެން އޮތީ މަދު ދުވަސްކޮޅެކެވެ. ވާހަކަ ލިޔުންތެރިޔާ އަހުމަދު އިޤްބާލް (އައިކިޔު) ލިޔެފައިވާ ވަރަށް އިބްރަތްތެރި ވާހަކައެއްގެ މައްޗަށް އުފައްދާ މި ވެބްސީރީޒަށް ގިނަ ބަޔަކު އިންތިޒާރުކުރަމުންދާއިރު، މިމަހުގެ ތެރޭގައި "ބައިސްކޯފް" މެދުވެރިކޮށް ބެލުންތެރިންނަށް ފެންނަން ފަށާނެއެވެ.

"އެހެނަސް"ގެ ޓީޒާ ދައްކާލީއްސުރެ ބެލުންތެރިން ދަނީ ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމުންނެވެ. ޚާއްސަކޮށް މިއީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެއްގެ މައްޗަށް އުފައްދާ ވެބްސީރީޒަކަށްވާތީ ބެލުންތެރިން ތިބީ "އެހެނަސް" ފެންނާނެ އިރެއްގެ އިންތިޒާރުގައެވެ.

"އެހެނަސް" މިއީ ކުޑައިރުއްސުރެ ޖިންސީ ގޯނާ އާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، ޖަވާޒީ ހަޔާތެއް ފެށުމުންވެސް އޭނާއަށް ކުރިމަތިވާ އެކި ކަހަލަ އިޖުތިމާއީ މައްސަލަތަކުގެ ސަބަބުން ފިރިހެނަކަށް ކުރިމަތިވާ ހާދިސާތަކެއް ކިޔައިދޭ ވަރަށް އަސަރު ގަދަ ވާހަކައެކެވެ. "ރަނޑު" ފިރިހެން ކުއްޖަކަށް އާއިލާއާއި މުޖްތަމައުން ދިމާވާ އެކިއެކި ކަންތައްތައްވެސް ވަަރަށް ފުރިހަމަައަށް މި ސީރީޒުން ފެނިގެންދާނެއެވެ.

"އެހެނަސް" ބެލުންތެރިންނާއި ހަމައަށް އައުމުގެ ކުރިން ޕްރޮޑަކްޝަން ޓީމުން މިވަނީ ޚާއްސަ ވީޑިއޯއެއް ބެލުންތެރިންނަށް ދޫކޮށްލާފައެވެ. މި ވީޑިއޯގައި "އެހެނަސް" މި ވެބްސީރީޒް އުފެއްދުމުގެ މައިގަނޑު ބޭނުމާއި، މިފަދަ މައްސަލައަކަށް ޚާއްސަކޮށް ވާހަކައެއް ލިޔުމުގެ މުހިންމުކަން ޕްރޮޑަކްޝަން ޓީމުން ވަނީ ފާހަގަކޮށްފައެވެ.

"ތައް އެރީ މީހުން ވަރަށް ވާހަކަ ނުދައްކާ މައުޟޫއެކޭ މިއީ. އެއީ ފިރިހެން ކުދިންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރަ ކުރުމާއި، ދެވެށި އަނިޔާ އާއި ގަނާ ކުރުން. އެހެންވެ ބޭނުންވީ މިކަންތައްތައް ހިމަނައިގެން ވާހަކައެއް ލިޔަން. ރާއްޖޭގަ މިކަންތައްތައް އަސްލު މިއޮންނަނީ އެހެންތަންތަނާއި ތަފާތުކޮށް، ދީނީ ގޮތުންނާއި ބައިވަރު ކަންތައްތަކެއް ހުންނާތީ ވަރަށް ހަޑި ގޮތަކަށް ކުއްޖާގެ ދިރިއުޅުން ހަލާކުވެގެން އެބަދޭ، ގަނާ ކުރުމާއި ނޫނީ އެކުދިންގެ ބޮލުގަ އަޅުވާ ތުހުމަތުތަކުގެ ސަބަބުން. އެހެންވެ އެެއެއްޗެހި ބޭނުންވީ ބެލުންތެރިންނަށް ވިސްނޭނެ ކަހަލަ ގޮތަކަށް މެސެޖުތަކެއް ދޭން." ވާހަކަ ލިޔުންތެރިޔާ އަހުމަދު އިޤްބާލް (އައިކިޔު) ބުންޏެވެ.

މީގެ އިތުުރުން ފިލްމުގެ ތަރިންވެސް ވަނީ ގަނާކުރުމުގެ ނޭދޭވޭ އަމަލުގެ މައްޗަށް މި ވީޑިއޯގައި ވަރަށް ބޮޑަށް ވާހަކަދައްކާފައެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން އެތައް ކުދިންނެއްގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ހުށައެޅިގެންދާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އުފެދުމުގައި ހުންނަ ތަފާތެއްގެ ސަބަބުން މުޖްތަމައުން މިފަދަ ނޭދޭވޭ ތަފާތުކުރުންތަކެއް ގެންގުޅުމާއި ދެކޮޅަށް ތަރިން ވަނީ ވާހަކަދައްކާފައެވެ. އަދި މިފަދަ ކުދިންނާއި، މީހުންނަށް ތަރިންގެ ފަރާތުން ވަނީ ހިތްވަރު ދީީފައެވެ.

ތިރީގައި މިވަނީ "އެހެނަސް"ގެ ޕްރޮޑަކްޝަން ޓީމުން ގެނެސްދީފައިވާ ޚާއްސަ ވީޑިއޯއެވެ. އަވަހަށް ބަލާލާށެވެ.