ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންޓަރިމް މަރުހަލާ ބަލައިނުގަންނަން ދުނިޔޭގެ ވޯލީބޯޅައާ ބެހޭ މައި ޖަމިއްޔާ (އެފްއައިވީބީ) އިން ދިވެހިރާއްޖޭގެ އޮލިލްޕިކް ކޮމިޓީއަށް އަންގައިފިއެވެ.

ވީއޭއެމް އެކްސްކޯ އުވާލައި ސްޕޯޓްސް ކޮމިޝަނުން ވަނީ ވީއޭއެމްއާ ހަވާލުވުމަށް ފަސް މެންބަރުންގެ އިންޓަރިމް ކޮމެޓީއެއް މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެކުލަވާލައި، އެ ކޮމެޓީ އާއި މަސައްކަތް ހަވާލުކޮށްފައެވެ. އަދި ކޮމެޓީގެ މަސައްކަތަކަށް ވެގެންދާނީ ވީއޭއެމް އާއި ގުޅޭގޮތުން މައްސަލަތައް ބަލައި، އައު އިންތިޚާބަކަށް ގެންދިޔުން ކަމަށްވެސް ކޮމިޓީއަށް ވަނީ އަންގާފައެވެ.

އެފްއައިވީބީގެ ޖެނެރަލް ޑިރެކްޓަރ ސޮއިކުރައްވާ، އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދަށް އެޑްރެސްކޮށް ފޮނުއްވެވި ސިޓީގައި ބުނެފައިވަނީ ވީއޭއެމްގެ އެކްސްކޯ އުވާލަން ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނުން ނިންމާފައިވާ ނިންމުމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަނުގެ ބެލެނިވެރި ފަރާތަކީ އެފްއައިވީބީ ކަމަަށާއި، އެހެންކަމުން އެ އިދާރާގެ މައްސަލަތައް ބަލާނީ އެފްއައިވީބީން ކަމަށް ވަނީ ބުނެފައެވެ. ސްޕޯޓްސް ކޮމިޝަނުން ވީއޭއެމްގެ އެކްސްކޯ އުވާލަން ނިންމިއިރު، އެކަމުގެ އެއްވެސް ހެއްކަކާއި ތަފުސީލެއް އެފްއައިވީބީއާ ހިއްސާކޮށްފައި ނުވާ ކަމަށާއި މައްސަލަތަކުގެ ތަފުސީލުތައް އެފްއައިވީބީއާ ހިއްސާކޮށްދެއްވުމަށް އޮލިމްޕިކް ކޮމިޓީގައި ވަނީ ދަންނަވާފައެވެ. އެހެންކަމުން ސްޕޯޓްސް ކޮމިޝަނުގެ ނިންމުން ބަލައިނުގަންނަށް އެފްއައިވީބީން ވަނީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއަށް އަންގާފައެވެ.

ވީއޭއެމްގެ އެކްސްކޯ އުވާލާ ސްޕޯޓްސް ކޮމިޝަނުން އިންޓަރިމް ކޮމިޓީއަކާ ހަވާލުކުރިއިރު، ސްޕޯޓްސް ކޮމިޝަނުން އެކުލަވާލި ފަސް މެންބަރުންގެ ކޮމިޓީގައި ހިމެނެނީ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ކުރީގެ ނައިބު ރައީސް އަބްދުﷲ އާމިރު އާއި ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަން އަދި ވޮލީބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ހުސައިން މުހައްމަދު އާއި އޮލިމްޕިކް ކޮމެޓީގެ އެކްސްކޯ މެމްބަރު އަދި ހޭންޑްބޯލް އެސޯސިއޭޝަނުގެ ރައީސް އަޙްމަދު އިސްމާއީލްގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ދެބޭފުޅުންނެވެ.

އިންޓަރިމް ކޮމިޓީން ވިއޭއެމްގެ އައު އިންތިޚާބު ބޭއްވުމަށް ނިންމާފައިވާއިރު، އައު އަސާސީ ގަވާއިދު އެކުލަވާލުމާއި އެހެންވެސް މުހިންމު ކަންކަން ކުރުމަށްވެސް ނިންމިއެވެ.

ވީއޭއެމްގެ ރައީސްގެ މަގާމަށް 2016 ވަނަ އަހަރު މާޗު މަހު މުހައްމަދު ރިޔާޒް ތިންވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންވެފައިވަނިކޮށް، އިންތިޚާބުގައި މަކަރުހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ އޭރުގެ ސްޕޯޓްސް ކޮމިޝަނާއި ހޯމް މިނިސްޓްރީން އިންތިޚާބު ކެންސަލްކުރުމުން، މިހާރުގެ ރައީސް މުހައްމަދު ލަތީފް މަގާމާއި ހަވާލުވެފައިވަނީ 2016 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.