މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ސައުދީ ސަރުކާރުން ފަހުންދިން ހައްޖު ކޯޓާތައް ހައްޖު ގުރޫޕްތަކާއި ހަވާލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން ކޮންމެ އަހަރަކުވެސް ދިވެހިރާއްޖެއަށް 1000 ހައްޖު ކޯޓާ ހަމަޖައްސައިދެއެވެ.

މިއަހަރު ހަމަޖެހުނު 1000 ކޯޓާ ބެހުމަށް މިނިސްޓްރީން ނިންމާފައި މިވަނީ ހައްޖު ކޯޕަރޭޝަނަށް 550 ކޯޓާ އަދި ކޮންމެ ކުންފުންޏަކަށް 90 ކޯޓާގެ ރޭޓުންނެވެ.

މިފަހަރު އަލަށް 1000 ކޯޓާ ލިބިފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ނޫސްވެރިނާ ވާހަކަފުޅު ދައްކަވަމުން ވަނީ އިއުލާނު ކުރައްވާފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީ މިރޭ ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައިވަނީ، އަލަށް ހަމަޖެހުނު 1000 ކޯޓާ ހައްޖު ގުރޫޕްތަކާއި ހަވާލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ރާއްޖެއިން މީހުން ގެންދިއުމަށް ކުންފުނިތަކަށް ޕްރޮޕޯސަލް ހުޅުވާލުމުން 18 ކުންފުންޏަކުން އެކަމަށް ކުރިމަތިލި އެވެ. އެކަމަކު ކުންފުނިތައް އިވެލުއޭޓް ކުރުމަށްފަހު ހުއްދަ ދޫކުރީ ފަސް ކުންފުންޏަކަށެވެ. އެހެންކަމުން ހައްޖު ކޯޕަރޭޝަން ހިމެނޭގަޮތަށް މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދޫކޮށްފައިވަނީ 6 ގުރޫޕަކަށެވެ.

ހައްޖު ކޯޕަރޭޝަންގެ އިތުރުން މިއަހަރު ހައްޖަށް މީހުންގެންދިއުމަށް ހުއްދަ ދޫކޮށްފައިވާ ކުންފުނިތަކަަކީ ތަޒްކިއާ ޕްރައިވެޓް ލިމިޓެޑް، ޒައީމާ ހައްޖު އެންޑް އުމްރާ ގްރޫޕް،

މިނާ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެކްރޯ ޕްރައިވެޓް ލިމިޓެޑް އަދި އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕެވެ.