އެމެރިކާގެ މަރުކަޒީ ބޭންކް ފެޑެރަލް ރިޒާރވްގައި ކަންކަމުގެ އާޖުފާޖު ދަންނަ ބަޔަކު ނެތްކަމަށް ވިދާޅުވެ ރައީސް ޑޮނަލްޑް ޓްރަމްޕު އެތަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އިއްޔެ ވައިޓް ހައުސްގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ޓްރަމްޕު ވިދާޅުވީ އޭނާގެ ޒައާމަތުގައި އިގްތިސާދު ކުރިއަށް ޖެހެމުންދާއިރު މަރުކަޒީ ބޭންކު އޮތީ ނިދާފައިކަމަށާއި އެހެންވެ މުޅި ގައުމުގެ މާލިއްޔާ އެކަށީގެންވާ މިންވަރަށް ކުރިނާރާ ކަމަށެވެ.

"ފެޑެރަލް ރިޒާވުން އިންޓަރެސްޓް ރޭޓު ތިރިކޮށްފިއްޔާ ރޮކެޓެއް ފަދައިން މާލިއްޔާ އުދުއްސައިގަންނާނެ. އެކަމަކު ކީއްކުރާނީ. ކަންކަން ކުރަން ދަންނަ ބަޔަކު އެތާކު ނެތް" ޓްރަމްޕު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ޓްރަމްޕު ވަނީ މަރުކަޒީ ބޭންކާއި އެތާގެ ޗެއަރމަން ޖެރޯމް ޕަވަލްއަށް ފާޑު ވިދާޅުވެފައެވެ. މަރުކަޒީ ބޭންކަކީ މުޅިން މިނިވަން މުސްތަގިއްލު މުވައްސަސާއަކަށްވެފައި މީގެ ކުރީގެ ރައީސުން އެތަނުގެ ކަންކަމާ ބެހިވަޑައިގެންފައެއް ނުވެއެވެ. އެކަމަކު އެ އުސޫލު ޓްރަމްޕު ވަނީ މުގުރުއްވައިފައެވެ.

ޓްރަމްޕުގެ ފާޑުކިޔުންތަކާމެދު މަރުކަޒީ ބޭންކުގެ ވެރިޔާ ޕަވަލް ވިދާޅުވީ އެތަނަކީ ވައިޓް ހައުސްގެ ކޮޓަރިއެއް ނޫން ކަމަށާއި މިކަމާމެދު މާދިގު ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

ސެންޓްރަލް ބޭންކުގެ ގަވަރުނަރުންގެ ބޯޑުގެ ބައެއް މެންބަރުންގެ ދައުރު ހަމަވާތީ ހުސްވާ ޖާގަތަކަށް ޓްރަމްޕަށް ވަފާތެރި މީހުން ލައްވައި ބޯޑަށް ސީދާގޮތެއްގައި ނުފޫޒުފޯރުވަން ޓްރަމްޕު މަސައްކަތް ކުރައްވާނެ ކަމުގެ ބިރު މިހާރުވެސް ވަނީ ހީވެފައެވެ.

ޓްރަމްޕަކީ އަމިއްލަ ގައުމުގެ މުވައްސަސާތަކަށް އާއްމުގޮތެއްގައި ފާޑުވިދާޅުވެ އިންޒާރު ދެއްވާ ބޭފުޅެކެވެ. އެމެރިކާގެ ޖައްވީ އިދާރާ ނާސާއަކީ އެއްވެސްކަމެއް ނުކުރެވޭ ބޭކާރު ތަނެއްކަމަށް ސިފަކުރައްވަމުން ދާދިފަހުން ޓްރަމްޕު ވިދާޅުވެފައިވަނީ ދުނިޔެއާ ދާދިގާތުގައިވާ ހަނދަކީ ދުނިޔެއާ ބެހޭ އެއްޗެއް ނޫންކަމާއި އެއީ މާރސް ޕްލަނެޓްގެ ބައެއްކަންވެސް ނާސާއަށް އެނގިގެން ނުވާކަމަށެވެ.